ގައުމެއްގެ އުފާވެރިކަމާ ދުޅަހެޔޮކަން ބިނާވެފައިވަނީ އެގައުމެއްގައި ދިރި އުޅެމުންދާ ރައްޔޔިތެއްގެ ދިރިއުޅުން އުފާފާގަތި ކަމާ އެކު ވޭތުކުރަމުންދާނަމައެވެ.
2018 އިން 2023 އަށް ދިވެހިރާއްޖޭ ދަތުރުކުރަމުްނ ދިޔައީ އުފާވެރި އަމާން ރާއްޖެއެއްގެ ނަމުގައި ބޭރު ތޮށިގަނޑުގައި ރީނދޫ ދަވާދު ހާކައިގެންނެވެ. ނަމަވެސް އޭރު ކަންކަން ދިޔަގޮތުން ރައްޔިތުންގެ އިތުބާރު ރަން ރީނދޫ ކުލަޔަކަށް ގެއްލި ފެހި ފަހި ފިޔާތޮށި ކުލައިގެ ވެރި މީހާގެ އަށް ކުރި އިތުބާރާ ޔަގީންކަމާ އެކު ގައުމުގެ ހުންގާނު ބަދަލުކުރީ ރައްޔިތުންނަށް ލިބިފައި އޮންނަބާރުގެ ތެރެއިން ގާނޫނީ އިމުންނެވެ.
އެއީ ހެޔޮ ބަދަލަކަށް އެދި ގެނައި ބަދަލެއް ނަމަވެސް 2 އަހަރު އެއަށް ފަހު ވޭތުވެގެން ދިޔައިރު ގައުމުގައި އުފާވެރިކަމާ އުޖާލާ މޫނުތަކަކަށް ވުރެ ފެންނަނީ މާޔޫސް ކަމާ ނާއުއްމީދީ މޫނުތަކެކެވެ. ވެރިންނާ ކޮޅު ކޮޅުމަތިން ކަޓޫ ޖީބަސް ވަންނަ މީހުން ފިޔަވައި ގައުމުގެ އެހެން ރައްޔިތުން ތިބީ މިއަދު ޝަކުވާ ކޮށްކޮށް ވަރުބަލިވެ ދެން އާދޭސް ކުރަން ޓަކި ޖަހަންވީ ކޮން ދޮރަކުކަންވެސް ނޭނގިފައެވެ.
ރައްޔިތުންގެ އަޑު އިއްވަން ތިބި މީހުންވެސް ނަފްސް ވިއްކާލާ އަމިއްލައަށް ގޮނޑިލާ ބަނދެވިގެން ތިބިއިރު މިއަދު އެ ރައްޔިތުންގެ ތަކްލީފާ ކަންބޮޑުވުންތައް ވެރިންގެ ކަންފަތަށް ފޯރުވާނެ ގޮތެއް ނެތެވެ. އޮޅު ހިޔާ ފެސިލިޓީއަކަށް ދާއިރާތައް ތަމްސީލު ކުރާ ޚާދިމުންގެ ގެ ބަދަލުވެގެން ދިއުމުން ދެން ފަހެ ވަކު ކުރަން އޮންނާނީ ވެސް ކޮން އުއްމީދެއް ތޯއެވެ.
އަދުލު އިންސާފުގެ ދާއިރާއަކީ ވަކި ބައެއްގެ ޖީބުގައި އޮންނަ ތަނެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމުގެ ވައުދާއެކު އައިސް ވެރިންގެ ފައިކޭޓުތަކަށް އަދުލުގެ ނިޒާމު ވައްޓާލީ ދުވަހަކުވެސް އެ ނިޒާމު ޚަރާބު ނުވާ މިންވަރަށް ޚަރާބުކޮށް ފާޅުގައި ފަނޑިޔާރުގެތަކަށް އަތް ބާނާ ފަނޑިޔާރުން މަގާމުން ދުރުކުރަމުންނެވެ. ތިމަންނާމެން ފަނޑިޔާރުގެ ނަޒާހަތްތެރި ތަނަކަށް ހަނދާނަމޭ ބުނެ ކިޔާ އައިސް ތިބެ ފެންނަނީ، ސަރުކާރުން ބޭނުންނުވާ ހުކުމެއް ޖަހާ އަދި ަމއްސަލައެއް ބަލާ ނަމަވެސް ފަނޑިޔާރުން ލަފުގައި ހިފާ ހޫރާލާ މަންޒަރެވެ. ސުލޫކީ މައްސަލައެއް އޮޓެމެޓިކުން ފެންމަތިވެގެންނެވެ.
ވައުދުތައް ނުފުއްދާތީ ޓިޗަރުންނާ މަސްވެރިން ސިއްހީ އެހީތެރިންނާ މިހެން ގޮސް ކިޔާފައި ނުކިޔާނެ ދާއިރާއެއް ނެތެވެ. ހުރިހާ ދާއިރާއެއްގެ ޝަކުވާތައް އޮހެނީއެވެ. މުސާރަ ބޮޑުކުރުމުގެ ނަމުގައި ވެސް ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން އަސާސީ މުސާރަ ބޮޑުކޮށް އިނާޔަތްތައް ކަނޑާލީއެވެ. މަސްވެރިންނަށް ވީ ވައުދު ނުފުއްދާ އަދިވެސް ދޮގު ހަދަނީއެވެ.
މައްޗަށް ނާރާނެ ކަމަށް ބުނި ޑޮލަރު އަރައިގެން ދަނީ" ހެސް" ކިޔާފައެވެ. ރިޒޯޓު ބޯއިޒްއަށް ވީ ވައުދު އޮތީ އޮތްތާނގައެވެ. އަނގަޔާ އަތާ ދިމާނުވެ ތިއްބާ ތަކެތީގެ އަގު އަނެއްކާވެސް އިންތިހާއަށް މައްޗަށް ޖެހިއްޖެއެވެ.
ޓެކްސީ ޑްރައިވަރުންނަށް ރަގަޅު ގޮތެއް ހޯދާދޭނެކަމަށް ބުނެ އައިސް އެމީހުންގެ ވިޔަފާރީތެރެއަށް ސަރުކާރުން ފުންމާލީއެވެ.
މަސްވެރިން މިއަދު ބުނަމުން ދަނީ މަސްކޮޅަށް ލިބެންވާ އަގު ލަސްކުރަމުންދާއިރު އޭގެ ސަބަބުން ދުވަހެއް ދުވަހަކަށް އުއްމީދު ކުޑަވެ ހިތްވަނީ ބިކަކަމަށެވެ ދިރިއުޅުން ދަނީ ގަދައަށް ދަތިވަމުން ކަމަށެވެ.
ރައްޔިތުންގެ އަޑު ގާތުން އެހުމަށް ކަމަށް ބުނެ ކުޅެމުންދާ ސިޔާސީ ޑްރާމާގެ އެޕިސޯޑުތަކުން ފެންނަނީވެސް ރައްޔިތުން ބޮޑެތި ޝަކުވާތަކެވެ. ބޯހިޔާވަހިކަމާ ގުޅުން ހުރި ޝަކުވާއެވެ. ވަޒީފާ ލިބުން ދަތިކަމުގެ ޝަކުވާއެވެ. އަސާސީ ޚިދުމަތްތަކުގެ އަގު އިންތިހާއަށް ބޮޑުކަމުގެ ޝަކުވާއެވެ. ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި ކަންކަން ނިންމަމުންދާއިރު ރައްޔިތުންގެ ޚިޔާލެއް މަޝްވަރާއެއް ނުހޯދާކަމުގެ ޝަކުވާއެވެ. ގައުމުގެ އެތެރ ކޮއލިުގައި ކޮރަޕްޝަންއާ ވައްކަން އިންތިހާއަށް މެކުހަށް ޖަހާފައިވާކަމުގެ ޝަކުވާއެވެ. މިހެންގޮސް ލިޓުގެ ދިގުކަމާ އެކު ކިޔެން ވެސް ނެތެވެ.
ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ މޮޅިވެރިކަމާ އެކު ހުސް ޝަކުވާއެވެ. އަދިވެސް ބުނާނީ އެންމެން ހެޕީއޭ ހެއްޔެވެ؟ ސަރުކާރުގެ ނާގާބިލުކަން ފޮރުވަން މޮޅެތި ހެޑްލައިންތައް ހަދާ ބޮޓުންނާ ލައްވާ ސަރުކާރު އޮފްދާރު ކުރަން އުޅުނު ނަމަވެސް ހަގީގަތް ބަދަލު ނުވާނެއެވެ.