ބޮޑު ކަންނެލި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް، މަސްވެރިން މުޒާހަރާއަށް ނުކުތުމުން ވައުދުގެ ލަވަ ސަރުކާރުން އަނެއްކާވެސް އިއްވައިފިއެވެ. ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ކުރިއަށްދާ މި އިހުތިޖާޖުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން ކުރާ 49 އޮޑިފަހަރު ބައިވެރިވެފައިވެއެވެ.
ހުޅުމާލޭ ކަންނެލި ޖެޓީގައި ހެނދުނު 09:30 ގައި ފެށި މި ސުލްހަވެރި މުޒާހަރާ މިހާރު ކުރިއަށްދަނީ މާލޭ ބޭރު ކަނޑުމަތީގައެވެ. މިއީ ސަރުކާރުގެ ވައުދުތައް ފުއްދައިދިނުމަށް ގޮވާލައި މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށްގެންދާ އިހުތިޖާޖެކެވެ. މަސްވެރިން އިހުތިޖާޖު ކުރަމުން މިދަނީ ސަރުކާރުގެ މެނިފެސްޓޯގައި ވެސް މަސްވެރިންނަށް ހިމަނާފައިވާ ތިން މައިގަނޑު ޑިމާންޑެކެވެ.
އެ ޑިމާންޑުތަކުގެ ތެރޭގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން، ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމަކީ ވެސް މަސްވެރިންގެ މުހިންމު އެދުމެކެވެ.
މަސްވެރިންގެ މި އިހުތިޖާޖަށް އިޝާރާތް ކުރައްވައި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެކްސްގައި ލިޔުއްވާފައި ވަނީ، "ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެ" ކަމަށެވެ. ނަމަވެސް، މަސްވެރިންގެ އެންމެ މުހިންމު ދެ ޑިމާންޑު ކަމުގައިވާ، މަސް ގަންނަ އެންމެ ދަށް އަގު ކަނޑައެޅުމާއި މިފްކޯއަށް މަސް ގަތުމާ ބެހޭ ގޮތުން އެއްވެސް ސީދާ ޖަވާބެއް މިނިސްޓަރު ނުދެއްވައެވެ. "ހައްލެއް ހޯދައިދޭނެ" ކަމަށް ވިދާޅުވި ނަމަވެސް، މިއީ ހުސް ހޮޅި ވައުދުތަކެއް ކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.
Bodukanneli masveringe emme bodu kanboduvumakee bodukanneli ganna kunfunithakah vikkaafa huri kanneyyah faisaa nulibi dhigulaadhaa massala aa masverikan rangalhuvaa vaguthu kanneleege agu dhahvaa massala.
— Ahmed Shiyam (@Shiyamaldives) December 10, 2025
Mikan hallukurumah bodukanneli masverin propose kuravvanee sarukaarun…
މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވެފައި ވަނީ، ހުޅުމާލޭގައި ބޮޑު ކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމުކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް ޖެނުއަރީ މަހު ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންދާ ކަމަށެވެ. އަދި، އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކޮންމެ އަތޮޅަކުން ވެސް އެއް ރަށަކުން އެސްޓީއޯގެ ބޭސް ރޭޓުގައި ކަންނެލި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަސްވެރިންނަށް މި ވަޢުދުތައް ހަގީގަތަކަށް ވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ބުނެ އަންނަނީ މަސްވެރިންގެ ޝުއޫރު ފާޅުކުރަމުންނެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސައިން ނަޝީދު ވިދާޅުވީ، "މި ސަރުކާރުން ވެސް، މި ސަރުކާރުގެ މެނިފެސްޓޯގައި ޖެހި ބޮޑު ކަންނެލި މަސްވެރިންނަށް ވެފައި ހުރި ބައިވަރު ވައުދުތަކެއް އެބަހުރި، ހަގީގަތަކީ މި އިންޑަސްޓްރީގެ ހާލަތު މިއޮތީ އަހަރަކަށްވުރެ އަހަރެއް ދަށްވެފައި،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، މި ސުލްހަވެރި އިހުތިޖާޖުގައި ސަރުކާރަށް ގޮވައިލަމުން މިދަނީ ސަރުކާރުން ވައުދުވި މިފްކޯއަށް ކަންނެލި ގަތުމާއި އަދި އޭގެއިތުރުން ސަރުކާރުން ވައުދުވެފައިވާ އަގު ކަންނެލި މަސްވެރިންނަށް ހޯއްދަވައިދެއްވުމަށް ބާރުއެޅުމަށް ކަމަށެވެ.
މިނިސްޓަރު ޝިޔާމްގެ އެކްސް ޓްވީޓު ފިޔަވައި، މަސްވެރިންގެ މި ހިތްދަތި އިހުތިޖާޖަށް މިހާތަނަށް ސަރުކާރުގެ އިތުރު އެއްވެސް އިޖާބައެއް ލިބިފައެއް ނުވެއެވެ. ވައުދުގެ ލަވަތައް ކިތަންމެ ވަރަކަށް ކިޔުނަސް، ޢަމަލީ ހައްލެއް ފެންނަންދެން މަސްވެރިންގެ މި ކަންބޮޑުވުންތަކަށް ހުއްޓުމަކަށް ނާންނާނެކަން ކަށަވަރެވެ. އިހުތިޖާޖު މިހާރު ވެސް ދަނީ ކުރިއަށެވެ.