ނ. ވެލިދޫ އަށް އުފަން، މިހާރު ޅ. ހިންނަވަރުގައި ދިރިއުޅެމުން އަންނަ ފާތިމަތު އާދަމް (50އ.) އަށް ކެންސަރު ޖެހި 3 ވަނަ ސްޓޭޖްގައި ފަރުވާއަށް ދަތިތަކާ ކުރިމަތިވެ، އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އުފާވެރިކަމާއި ލޯތްބާއެކު ފިރިމީހާ މުހައްމަދު ހުސައިން (55އ.) އާއެކު ދިރިއުޅެމުން އައި މި ދެމަފިރިންގެ ހަޔާތަށް ހިތާމަވެރިކަން ވެރިވީ މިދިޔަ އޮގަސްޓް މަހު ފާތިމަތުއަށް ކެންސަރު ޖެހިފައިވާކަން އެނގުމުންނެވެ.
ކައިވެންޏަށް ގިނަ އަހަރުތަކެއް ވެފައިވީނަމަވެސް ފާތިމަތުގެ އުފަން ދަރިއެއް ނުހުރެއެވެ. ނަމަވެސް ފިރިމީހާ މުހައްމަދު ހުސައިންގެ 2 ކުދިން ވަރަށް ބޮޑަށް ފާތިމަތުއަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ. އެހެންނަމަވެސް، އިތުރު ފަރުވާއަށް އިންޑިއާއަށް ދާންޖެހުމާއެކު، އާންމުންގެ އެހީތެރިކަމަށް މި ދެމަފިރިން މިވަނީ އެދެން ޖެހިފައެވެ.
ބަލިޖެހުނު ގޮތާއި ފަރުވާއަށް ކުރި ދަތުރު
ފާތިމަތު ކިޔައިދިން ގޮތުގައި، ކުރިންވެސް ފާތިމަތު އައީ މާލެއަށް ޑޮކްޓަރަށް ދައްކަމުންނެވެ. ނަމަވެސް ހިންނަވަރަށް ދިޔަތަނާ މާބޮޑަށް ބަލިވުމުން ރަށުގެ ޑޮކްޓަރަށް ދެއްކިއިރު ނައިފަރު ހޮސްޕިޓަލަށް ދިއުމަށް އެންގިކަމަށެވެ. "ފުރަތަމަ 3 ފަހަރުވެސް ޑޮކްޓަރު ބަލާފައި ފޮނުވާލީ. އެކަނި ތެދުނުވެވޭ ވަރުވީމާ އަނެއްކާ ދިޔައީ،" ފާތިމަތު ކިޔައިދިނެވެ.
ނައިފަރު ހޮސްޕިޓަލުން ރަނގަޅަށް ޓެސްޓްތައް ހެދުމަށްފަހު ބޭރު އަންހެން ޑޮކްޓަރަކު އެކްސްރޭ އެއްޗެހި ބަލާފައި ވަރަށް ބޮޑު މައްސަލައެއް އުޅޭކަމަށް ބުނެ އަވަހަށް މާލެ ދިއުމަށް އަންގާފައިވެއެވެ. އެއިރު ފާތިމަތުއަށް ބަލީގެ ތަފްސީލެއް ނޭނގުނު ނަމަވެސް، ފިރިމީހާ އަށް އެކަން އެނގުނެވެ. މާލެ އައިސް ޓްރީޓޮޕް ހޮސްޕިޓަލަށް ދައްކައި، އެމް.އާރު.އައި ހެދުމަށްފަހު ކެންސަރކަން ޔަގީންވި ކަމަށް ފާތިމަތު ބުންޏެވެ.
ފަރުވާއަށް ކުރި ދަތިތަކާއި އާންމުންގެ އެހީއަށް ބޭނުންވުން
ކެންސަރުގެ 3 ވަނަ ސްޓޭޖްގައި ހުރިއިރު، އިތުރު ފަރުވާއަށް އާސަންދައިގެ ދަށުން ފާތިމަތު އިންޑިއާގެ ކިމްސް ހޮސްޕިޓަލަށް ދިޔައެވެ. "ކީމޯ ދީފަ ރަނގަޅުނުވެއްޖެއްޔާ އޮޕަރޭޝަން ކުރަން ޑޮކްޓަރު ބުނީ. އެހެންވެ ކީމޯ ދެމުން މިދަނީ. 6 މަސްވަންދެން ކީމޯ ދޭންޖެހޭ،" ފާތިމަތު ހިތާމަޔާއެކު ބުންޏެވެ.
އިންޑިއާގައި ގާތްގަނޑަކަށް 3 މަސްދުވަހު 18 ވަރަކަށް ކީމޯ ދިނުމަށްފަހު، އަތްމަތި ދަތިވެ އަނބުރާ މާލެ އައުމަށް މަޖުބޫރުވިއެވެ. އިންޑިއާގައި ތިބި މީހުންނަށް ދައްކަންޖެހޭ 500 ޑޮލަރާއި، ފަރުވާއަށް ކުރަންޖެހޭ އެހެނިހެން ހަރަދުތަކުގެ ސަބަބުން މި ދެމަފިރިންގެ އަތުގައި ހުރި ފައިސާކޮޅު ވަނީ ހުސްވެފައެވެ. ފާތިމަތުގެ ކަންބޮޑުވުމަކީ، ކެންސަރު ހަށިގަނޑަށް ފެތުރިފައިވާތީ އިތުރަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދާންޖެހުން ނަމަވެސް އެކަން ކުރެވޭނެ އެއްވެސް ގޮތެއް މިހާރު ނެތުމެވެ.
"ކީމޯގެ 6 ސައިކަލް ހަމަކުރަންޖެހޭ. އިންޑިއާގައި މަޑުކުރުމަށް ބުނި. އެކަމަކު އަތްމަތި ދަތިވީމަ މިއައީ އިންޑިއާއިން ކީމޯގެ 3 ސައިކަލް ހަމަކޮށްފައި. އެއީ ޖަހަންޖެހޭ އިންޖެކްޝަން އާސަންދައިގެ ދަށުން ނުލިބޭ،" ފާތިމަތު ކިޔައިދިނެވެ.
މުސާރަ ނުލިބޭ ޗުއްޓީއާއި ވަޒީފާ ގެއްލުމުގެ ބިރު
މިދިޔަ އޮގަސްޓް މަހުން ފެށިގެން ދެމަފިރިންވެސް ފެލިވަރުގައި އަދާކުރަމުން އައި ވަޒީފާއަށް ނުދެވޭތީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީގައި ތިބިކަން ފާތިމަތު ފާހަގަކުރިއެވެ. ފާތިމަތު 22 އަހަރުވަންދެން ކުރި ވަޒީފާ ގެއްލިދާނެކަމުގެ ބިރު ވަނީ ކުރިމަތިވެފައެވެ. ފުރަތަމަ 3 މަހު މުސާރަ ލިބުނު ކަމުގައިވިއަސް، އޭގެފަހުން މުސާރަ ނުލިބޭ ގޮތަށް ހުރުމަކީ މިހާރު ދެމަފިރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
އާސަންދައިގެ ދަށުން އަލުން އިންޑިއާއަށް ފަރުވާއަށް ދިޔަކަމުގައިވިއަސް، އެކޮޅުގައި މި ދެމަފިރިން ތިބެންޖެހެނީ އެޖެންޓެއްގެ އެހީތެރިކަން ހޯދައިގެންނެވެ. "އަޅުގަނޑުގެ ނެތް ކުއްޖެއް. އެއްބަނޑުމީހެއްވެސް ނެތް. އިންޑިއާގައި ގިނަ ދުވަހު އަޅުގަނޑުމެންނާއެކު މަޑުކުރެވޭނެ އާއިލާ މީހެއް ނެތް. އެހެންވުމުން ހުންނަ ތަނަށް ފައިސާ ދައްކާ އެޖެންޓަށް ފައިސާ ދައްކާ އަދި އިންޖެކްޝަނާއި ކެއުމާއި ޓްރާންސްޕޯޓަށް ހަރަދު ކުރަންޖެހޭތީ އަޅުގަނޑުމެން އަތުގައި ނެތް އެއްވެސް މިންވަރެއް،" ފާތިމަތު ބުންޏެވެ.
މިވަގުތު ހުޅުމާލޭގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން ތިބިއިރު، ފާތިމަތު ބަލާނެ އިތުރު މީހެއް ނެތުމުން ފިރިމީހާ ވެސް މުސާރަ ނުލިބޭ ގޮތަށް ޗުއްޓީގައި ހުރެ ފާތިމަތުއަށް އެހީތެރިވަމުން ދެއެވެ. ފާތިމަތަށް ކެންސަރު ބަލީގެ ފަރުވާ ފުރިހަމަކުރުމަށްޓަކައި މިވަނީ އާންމުންގެ ފަރާތުން ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމަށް ބޭނުންވެފައެވެ.
އެހީތެރިކަން ފޯރުކޮށްދިނުމަށް:
އެކައުންޓުގެ ނަން: ފާތިމަތު އާދަމް
އެކައުންޓް ނަންބަރު: 7730000155582