March 23, 2026
Advertisement
-
- / ހިންދުސްތާނީ ޓައިމްސް

ގުޖުރާތުގެ ބަނދަރުތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 12, 2025, 12:09 AM
މާލެ ސިޓީ

ދިއްލީގެ ކުރީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް، ގުޖުރާތުގެ ބަނދަރުތަކުން ގަވާއިދާ ޚިލާފަށް ގިނަ އަދަދަކަށް މަސްތުވާތަކެތި ފެނިފައިވާ މައްސަލައާ ގުޅިގެން އިންޑިއާގެ ސަރުކާރަށް ސީރިއަސް ސުވާލުތަކެއް އުފައްދަވައިފިއެވެ.

Advertisement

ފާއިތުވި ފަސް އަހަރު ތެރޭގައި އިންޑިއާގައި އަތުލައިގަނެފައިވާ 11،300 ކްރޯޑް ރުޕީސްގެ މަސްތުވާތަކެތީގެ %65 އަކީ ގުޖުރާތުގެ ބަނދަރުތަކުން އަތުލައިގަނެފައިވާ ތަކެތި ކަމަށް ރިޕޯޓްތަކުން ހާމަކޮށްފައިވެއެވެ.

ކެޖްރިވާލް ވިދާޅުވީ މި ބަނދަރުތަކުން އިންޑިއާއަށް މިހާ ގިނަ މަސްތުވާތަކެތި އެތެރެވަނީ ކީއްވެގެންތޯ ރައްޔިތުން ސުވާލުކުރަމުން އަންނަ ކަމަށެވެ. އަދި ހަރުކަށި ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުން ލޯމަރާލާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އޭނާ ފާހަގަކޮށްފައިވަނީ ގުޖުރާތުގެ މުންދްރާ ފަދަ ބަނދަރުތަކާއި އެހެނިހެން ބަނދަރުތަކުގައި މަސްތުވާތަކެތި އަތުލައިގަތުމުގެ ބޮޑެތި މައްސަލަތައް ހިނގާފައިވާ ކަމަށެވެ. އެގޮތުން، މި ބަނދަރުތަކުން އެންމެ ގިނައިން އެތެރެކޮށްފައިވަނީ ހެރޮއިން އާއި ކެނަބިސްކަމަށް އޭނާ ބުންޏެވެ.

ކެޖްރިވާލް ވަނީ ސަލާމަތީ އަދި ޖާސޫސީ ނިޒާމުގެ ކުރިއަރާފައިވާ ނިޒާމުތަކެއް ހުރި ނަމަވެސް، މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެވުން ހުއްޓުވަން ކަމާބެހޭ ފަރާތްތަކަށް ނުކުޅެދިފައި އޮތީ ކީއްވެގެންތޯވެސް ސުވާލުކޮށްފައެވެ.

އޭނާގެ މި ވާހަކަތަކާ ގުޅިގެން ސިޔާސީ ބަހުސްތަކެއް އުފެދި، އިދިކޮޅު ޕާޓީތަކުން ވަނީ މި މައްސަލައިގައި ސަރުކާރުގެ ޖަވާބުދާރީވުމަށް ގޮވާލާފައެވެ. އަދި ބަނދަރުތައް ހަރުކަށިކޮށް ކޮންޓްރޯލް ކުރުމަށް ވެސް އެ ޕާޓީތަކުން ވަނީ ގޮވާލާފައެވެ. ނަމަވެސް، ކެޖްރިވާލްގެ މި ވާހަކަފުޅަށް ސަރުކާރުން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved