March 9, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ދަމުނަމާދު ކުރުން ކުރިއަށްދާނެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 9, 2026, 12:22 PM
މާލެ ސިޓީ

މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތަކުގައި މާލެ ސަރަހައްދުގެ 35 މިސްކިތެއްގައި ޖަމާއަތުގައި ދަމުނަމާދު ކުރުން ކުރިއަށްދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

Advertisement

އެ ވުޒާރާއިން އާންމުކުރި އިޢުލާނުގައިވާ ގޮތުން، ފަހު ދިހައިގެ ރޭތަކުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ 21 މިސްކިތަކާއި، ވިލިމާލޭގެ 3 މިސްކިތެއްގެ އިތުރުން ހުޅުމާލެ ފޭސް އެކެއްގެ 6 މިސްކިތަކާއި ފޭސް ދޭއްގެ 5 މިސްކިތެއްގައެވެ.

މާލޭގައި ދަމުނަމާދު ކުރާނެ މައިގަނޑު މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒާއި، ސަލްމާން މިސްކިތާއި، ފުރްޤާން މިސްކިތުގެ އިތުރުން ވިޔަފާރިވެރިންގެ މިސްކިތާއި ބަންޑާރަ މިސްކިތް ހިމެނެއެވެ. އަދި ވިލިމާލޭގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުލްބިއްރި، މަސްޖިދުއްސަލާމް އަދި މަސްޖިދުލްއިޚްލާސްގައެވެ.

ހުޅުމާލެ ފޭސް އެކެއްގައި ވައްގުއްބު މިސްކިތާއި މަސްޖިދު ރަޝީދު ހިމެނޭހެން 6 މިސްކިތެއްގައި ނަމާދުކުރާއިރު، ފޭސް ދޭއްގައި މަސްޖިދު ޙަސަން ޢާދަމް ހިމެނޭހެން ޖުމްލަ 5 މިސްކިތެއްގައި ދަމުނަމާދު ކުރާނެއެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކަކީ ގިނަ އަދަދެއްގެ މީހުން މިސްކިތްތަކަށް ޖަމާވެ، ރޭއަޅުކަމުގެ ގޮތުގައި ކުރާ ދަމުނަމާދުގައި ބައިވެރިވާ ދުވަސްވަރެކެވެ. މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އަތޮޅުތެރޭގެ ރަށްރަށުގެ މިސްކިތްތަކުގައި ވެސް ޖަމާއަތުގައި ދަމުނަމާދު ކުރުން ކުރިއަށްދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved