March 19, 2026
Advertisement
-
- / ޕީއެސްއެމް

ކުރިއަށް އޮތް ހަފްތާގައިވެސް ވައި ނުސާފުވާނެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 12, 2025, 06:33 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގެ ވައިގެ ކޮލިޓީ ކުރިއަށް އޮތް ހަފުތާގައި ވެސް ދަށްވެ، ނުސާފުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް އޮފީސް) އިން އިއުލާންކޮށްފިއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ، އުތުރު އިންޑިއާގައި އުފެދޭ ހިރަފުސްގަނޑު އިރުވައި މޫސުމާއެކު ރާއްޖެއަށް ދަތުރުކުރުން ކަމަށް މެޓުން ބުނެއެވެ.

Advertisement

މެޓް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެ ތެރޭގައި ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ވަނީ ދަށްވެފައި ކަމަށާއި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވެސް ދުންފުހުގެ އަސަރު މި ސަރަހައްދުތަކަށް ކުރާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.

މާލޭގެ ވައިގެ ކޮލިޓީ އިންޑެކްސް (އޭ.ކިއު.އައި) މިހާރު ހުރީ 138 ގައެވެ. މި މިންގަނޑަކީ ވައި ނުސާފުވުމުން ކުރާ އަސަރު ބޮޑު، ޚާއްޞަކޮށް ނާޒުކު ފަރާތްތަކަށް ރައްކާތެރި ނޫން މިންގަނޑެއް ކަމަށް ވެއެވެ. ވައިގެ ކޮލިޓީ އެންމެ ރަނގަޅު މިންގަނޑަކީ 0-50 އާ ދޭތެރެއެވެ. އަދި ދެވަނައަށް އެންމެ ރަނގަޅީ 50-100 އާ ދޭތެރޭގައި ހުންނަ ނަމައެވެ.

އިރުވައި މޫސުމާއެކު އާންމުކޮށް ޖައްވު ކޮންމެވެސް ވަރަކަށް ނުސާފުވި ނަމަވެސް، މީގެ ކުރިން ރާއްޖެއަށް މިހާ ބޮޑު އަސަރެއް ކޮށްފައެއް ނުވެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މިފަހަރުގެ ނުސާފުވުން އިންތިހާއަށް ބޮޑުވެފައިވަނީ، އިންޑިއާގެ ވައިގެ ތަޣައްޔަރުވުން ނުވަތަ ޕޮލިއުޝަން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެވެ. އެގޮތުން އިންޑިއާގެ ވައިގެ ކޮލިޓީ ދަށްވެފައިވާ މިންވަރަކީ، އޭގެ އަސަރު ރާއްޖެއަށް ވެސް ފޯރާ މިންވަރަކަށް ބޮޑުވެފައިވާ ކަމަށް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved