March 23, 2026
Advertisement
-
- / ނިއުސް ސީއެންއާރު

މޯދީ ސަރުކާރުގެ "ނިއު ސީޑް ބިލް" އާއި ދެކޮޅަށް ދަނޑުވެރިން މަގުމައްޗަށް ނިކުމެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 13, 2025, 04:50 PM
މާލެ ސިޓީ

އިންޑިއާގެ ބީޖޭޕީ ސަރުކާރުން ހުށަހަޅާފައިވާ "ނިއު ސީޑް" ބިލާއި ދެކޮޅަށް މުޅި އިންޑިއާގެ ދަނޑުވެރިން ބޮޑެތި މުޒާހަރާތައް ފަށައިފިއެވެ. ދަނޑުވެރިންގެ ޖަމާޢަތްތަކުން ބުނާ ގޮތުގައި މި ބިލަކީ އެމީހުންގެ އަސާސީ ޙައްޤުތަކަށް އަރައިގަންނަ، ދަނޑުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުންފުނިތަކުގެ ނުފޫޒު ފުޅާކުރުމަށް މަގުފަހިކުރާނެ ބިލެކެވެ.

Advertisement

އިންޑިއާގެ ޕަންޖާބް، ހަރިޔާނާ، އުއްތަރު ޕްރަދޭޝް ފަދަ އެތައް ސްޓޭޓެއްގައި ދަނޑުވެރިން ވަނީ މަގުމައްޗަށް ނިކުމެ، އެއްވުންތަކާއި މުޒާހަރާތައް ބާއްވަން ފަށައިފައެވެ. ދަނޑުވެރިންގެ ޔޫނިއަންތަކުން ފާހަގަކުރާ ގޮތުގައި، މި ބިލަކީ 2020 އާއި 2021 ވަނަ އަހަރު ގިނަ ދުވަސްތަކެއް ވަންދެން ކުރި މުޒާހަރާތަކަށް ފަހު ސަރުކާރުން އަނބުރާ ގެންދިޔަ ކުރީގެ ދަނޑުވެރިކަމުގެ ޤާނޫނުތަކާ އެއްގޮތް ބިލެކެވެ.

"މި ބިލް ހުށަހެޅުމުގެ ކުރިން ދަނޑުވެރިންނާ އެކަށީގެންވާ މަޝްވަރާއެއް ކުރެވިފައި ނުވޭ. ސަރުކާރުން މިއުޅެނީ ބޮޑެތި ކުންފުނިތަކަށް ފައިދާވާނެ ގޮތަށް ދަނޑުވެރިކަން ބައްޓަންކުރަން،" ބަރަތިޔާ ކިސާން ޔޫނިއަންގެ ލީޑަރު ރަކޭޝް ޓިކައިތް ބުނެފައިވެއެވެ.

ދަނޑުވެރިންގެ ލީޑަރުން ފާހަގަކުރާ ގޮތުގައި، މި ބިލުގެ ސަބަބުން ދަނޑުވެރިން ޖެހޭނީ އަގުބޮޑު ކުންފުނިތަކުގެ އޮށަށް ބަރޯސާވާށެވެ. އަދި މިހާރު އޮތް އޮށް ރައްކާކުރުމާއި އަލުން ބޭނުންކުރުމުގެ މިނިވަންކަން ގެއްލި، ދަނޑުވެރިކަމުގެ ޚަރަދުތައް ބޮޑުތަން އިތުރުވެގެންދާނެއެވެ.

"އަޅުގަނޑުމެން ކުރިން ބޭނުންކުރި އޮށުން ބައެއް ރައްކާކޮށް، ދެން އަންނަ މޫސުމަށް ބޭނުންކުރަން. އެކަމަކު މި ބިލުގެ ސަބަބުން ކޮންމެ ފަހަރަކު އަލުން އޮށް ގަންނަން މަޖުބޫރުވާނެ. މިއީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ސީދާ ގޮންޖެހުމެއް،" ޕަންޖާބުގެ ދަނޑުވެރިއެއްކަމަށްވާ ގުރުމީތް ސިންގ ވިދާޅުވިއެވެ.

އެހެންނަމަވެސް، ނަރެންދްރަ މޯދީގެ ސަރުކާރުން ބުނާ ގޮތުގައި މި ބިލުގެ ސަބަބުން އޮށުގެ ފެންވަރު ރަނގަޅުވެ، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ. އިންޑިއާގެ ދަނޑުވެރިކަމާބެހޭ މިނިސްޓަރު ޝިވްރާޖް ސިންގ ޗައުހާން ވިދާޅުވީ މި ބިލަކީ ދަނޑުވެރިކަމުގެ ދާއިރާ ޒަމާނީކުރުމަށް ކޮންމެހެން ބޭނުންވާ ބިލެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved