އިންޑިއާ އާއި ސަހްޔޫނީން ޒަމާނީ ވައިގެ ދިފާއީ ނިޒާމުތަކަށް އަމާޒުކޮށްގެން ދިފާއީ ބައިވެރިވުން ހަރުދަނާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދިފާއީ ދާއިރާގެ ރިޕޯޓްތަކުން ހާމަކުރާ ގޮތުގައި، އިންޑިއާގެ ރޭވުމަކީ ޕާކިސްތާނާއި ތުރުކީގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތަކާ ދެކޮޅަށް ސަހްޔޫނީންގެ އެޑްވާންސް ޓެކްނޮލޮޖީ ބޭނުންކުރުމެވެ. އިންޑިއާއިން ޚާއްޞަ ސަމާލުކަމެއް ދެނީ ސަހްޔޫނީންގެ ވައިގެ ދިފާއީ ނިޒާމުތަކަށް ކަމަށާއި މި ނިޒާމުތައް ފަރުމާކޮށްފައިވަނީ ޑްރޯންތަކާއި މިސައިލްތަކާއި ވައިގެ މަގުން ދޭ އެހެނިެހެނިހެން ހަމަލާތައް ދެނެގަނެ ނައްތާލުމަށް ކަމަށް މި ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
"މިޒަމާނުގެ ހަނގުރާމަތަކުގައި ޑްރޯން ހަމަލާތަކަކީ ބޮޑު ނުރައްކަލަކަށް ވެފައިވާތީ، އިންޑިއާއަށް މިފަދަ ނިޒާމުތައް ވަރަށް މުހިންމު. ޚާއްޞަކޮށް ބޯޑަރު ސަރަޙައްދުތަކުގައި ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް މިފަދަ ޓެކްނޮލޮޖީ ކޮންމެހެން ބޭނުންވޭ،" އިންޑިއާގެ ދިފާއީ ތަޙުލީލުވެރިއެއް ކަމަށްވާ ޑރ. ރާހުލް ބަޓްނަގަރު އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
ފާއިތުވި އަހަރުތަކުގައި އިންޑިއާއިން ވަނީ ރަޝިޔާއަށް ދިފާއީ ސާމާނުތަކަށް އޮތް ބަރޯސާވުން މަދުކޮށް، ސަހްޔޫނީންނާއި ފްރާންސް ފަދަ ޤައުމުތަކާއެކު ދިފާއީ ގުޅުން ފުޅާކޮށްފައެވެ. އިންޑިއާގެ ދިފާއީ މިނިސްޓްރީގެ އިސް އޮފިޝަލެއް ވިދާޅުވާ ގޮތުގައި، މި ބަދަލަކީ އިންޑިއާގެ ދިފާއީ ސާމާނު ތަފާތު މަޞްދަރުތަކުން ހޯދުމުގެ ސިޔާސަތުގެ ބައެކެވެ.
ސަހްޔޫނީންގެ ދިފާއީ ވުޒާރާއިން ބުނާ ގޮތުގައި، ދެ ޤައުމުގެ މެދުގައި ޤާއިމްކުރެވޭ މި ޕާޓްނަޝިޕަކީ ވަރުގަދަ ސްޓްރެޓެޖިކް ގުޅުންތަކެއް ދައްކުވައިދޭ ބައިވެރިވުމެކެވެ. ކުރިއަށް އޮތް އަހަރުތަކުގައި އިތުރު ޖޮއިންޓް ޕްރޮޖެކްޓްތަކާއި ދިފާއީ އެއްބާރުލުން ލިބޭނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.
"އިންޑިއާއާއެކު އަޅުގަނޑުމެންގެ ދިފާއީ ގުޅުން ފުޅާވަމުން އަންނަނީ ދެ ޤައުމަށްވެސް ފައިދާހުރި ގޮތަށް. އިސްރާއީލުގެ ވައިގެ ދިފާއީ ޓެކްނޮލޮޖީއަކީ ދުނިޔޭގެ އެންމެ ފުރިހަމަ ޓެކްނޮލޮޖީތަކުގެ ތެރެއިން އެއް ޓެކްނޮލޮޖީ. އަޅުގަނޑުމެން މި ޓެކްނޮލޮޖީ އިންޑިއާއާ ހިއްސާކުރުމަށް ޝައުޤުވެރިވަން،" ސަހްޔޫނީންގެ ދިފާއީ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މޭޖަރ ޖެނެރަލް (ރިޓ.) އަމިރް އެޝެލް ފާހަގަކުރިއެވެ.
ދިފާއީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ސަހްޔޫނީންގެ "އަޔަން ޑޯމް" އަދި "ޑޭވިޑްސް ސްލިންގ" ފަދަ ވައިގެ ދިފާއީ ނިޒާމުތަކަކީ ދުނިޔޭގައި ވަރަށް ކާމިޔާބު ނިޒާމުތަކެވެ. މި ނިޒާމުތަކުގެ ޓެކްނޮލޮޖީ އިންޑިއާއަށް ލިބިއްޖެނަމަ، އިންޑިއާގެ ބޯޑަރު ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބޮޑުތަން އިތުރުވެގެންދާނެއެވެ.
އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ އަދި ސަހްޔޫނީންގެ ޕްރައިމް މިނިސްޓަރ ބެންޖަމިން ނެތަންޔާހޫގެ މެދުގައި ހުރި ގާތް ގުޅުމަކީވެސް މި ދިފާއީ ބައިވެރިވުން ހަރުދަނާވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ފާއިތުވި އަހަރުތަކުގައި ދެ ލީޑަރުން ވަނީ ގިނަ ބައްދަލުވުންތަކެއް ބާއްވައި، ދިފާއީ އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފައެވެ.
ދެ ޤައުމުގެ މެދުގައި މި ޤާއިމްކުރެވޭ ދިފާއީ ގުޅުމަކީ ސަރަޙައްދުގެ ބާރުގެ ވަޒަންތަކަށް ބަދަލު ގެނެސްދޭނެ ކަމެއްކަމަށް ސިޔާސީ ތަޙުލީލުވެރިން ދެކެއެވެ. އަދި ޚާއްޞަކޮށް ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ވަރުގަދަވަމުން އަންނަ ދަނޑިވަޅެއްގައި، އިންޑިއާއިން ސަހްޔޫނީންނާއި އެކު ދިފާއީ ގުޅުން ބަދަހިކުުރުމަކީ އިންޑިއާއިން ޕާކިސްތާނާއި މެދު ކަންބޮޑުވެ ޖެހިލުންވި ކަމުގެ ހެއްކެކެވެ.