theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ހާދީ / އަލްޖަޒީރާ
ދުނިޔެ
އިންޑިއާއާއި ދެކޮޅަށް ވާހަކަދައްކާ ބަންގްލަދޭޝްގެ ލީޑަރެއް ޝަހީދުކޮށްލައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
13 ޑިސެމްބަރު 2025
މާލެ ސިޓީ

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް ފާޑުކިޔުމުގައި މަޝްހޫރުވެފައިވާ އުސްމާން ހާދީއަށް، ބަޑީގެ ހަމަލާއެއް ދީ ޝަހީދުކޮށްލައިފިއެވެ. އޭނާއަކީ އިސްލާމީ ޖަމިއްޔާ އިންކިލާބް މަންޗާގެ ތަރުޖަމާނުކަން ކުރައްވާ ބޭފުޅެއް ކަމަށާއި، ކުރިއަށް އޮތް އިންތިޚާބުގައި ބަންގްލަދޭޝްގެ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅެއް ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މި ހަމަލާ ދީފައިވަނީ ބަންގްލަދޭޝްގައި އިންތިޚާބުގެ ތާރީޚުތައް ޑިސެމްބަރު 11 ވަނަ ދުވަހު އިއުލާންކުރިތާ އެއް ދުވަސް ފަހުންނެވެ. ފުލުހުން ބުނި ގޮތުގައި، ހާދީއަށް ހަމަލާ ދީފައިވަނީ ބިޖޭނަގަރު ސަރަހައްދުގައި މެންދުރުފަހު 2:30 ހާއިރު ރިކްޝާއެއްގައި ދަތުރުކުރަނިކޮށެވެ.

ސީސީޓީވީ ފޫޓޭޖުތަކުން ފެންނަ ގޮތުގައި، ސައިކަލެއްގައި ދުއްވާ ދެ މީހަކު ހާދީ ދަތުރުކުރެއްވި ރިކްޝާއާ ކައިރިވެ، ސައިކަލު މަޑުކޮށްލުމާއެކު، ފަހަތުގައި އިން މީހާ ހާދީއަށް ބަޑިޖަހާލިއެވެ. ހަމަލާދިން ދެ މީހުންވެސް ތިބީ ހެލްމެޓް އަޅައިގެން ކަމަށާއި، ސިކުންތުކޮޅެއްގެ ތެރޭގައި އެމީހުން އެތަނުން ފިލައިގެން ގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުރު ރިކްޝާއެއްގައި ހާދީގެ ފަހަތުން ދަތުރުކުރި އިންކިލާބް މަންޗާގެ އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު ރަފީއު ވިދާޅުވީ، މި ހާދިސާ ހިނގީ ހުކުރު ނަމާދަށްފަހު މެންދުރުގެ ކެއުމަށް ހައިކޯޓް ސަރަހައްދަށް ދިޔައިރު ކަމަށެވެ.

ހާދީއަށް ބަޑިޖެހުމަށްފަހު މެންދުރުފަހު 2:40 ހާއިރު މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންދެވުނުއިރު، ޑޮކްޓަރުން ވަނީ، އޭނާގެ ބޮލަށް ބަޑިޖަހާފައިވާކަން ކަށަވަރުކޮށްދީފައެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. ފަހުން އޭނާ ވަނީ އެވަރކެއާ ހޮސްޕިޓަލަށް ބަދަލުކޮށް ލައިފް ސަޕޯޓުގައި ބަހައްޓާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި ހަމަލާގެ ދެތިން ގަޑިއިރު ކުރިން ހާދީ ވަނީ އިންޑިއާގެ ބައެއް ހިސާބުތައް ހިމެނޭ "ބަންގްލަދޭޝް" ގެ މެޕެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި ހަމަލާ ދީފައިވަނީ ސިޔާސީ ހަމަނުޖެހުންތަކާއި ކުރިއަށް އޮތް އިންތިޚާބާ ގުޅިގެން ކަމަށް ބެލެވޭތީ، ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ވަނީ ހަލަބޮލިވެފައެވެ. އަދި ހާދީ ދުނިޔޭގައި ބަހައްޓައިފިނަމަ އޭނާ މި އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވޭތީ މިއީ ގަސްތުގައި ރޭވިގެން ދެވުނު ހަމަލާއެއް ކަމަށާއި މި ހަމަލާގައި އިންޑިއާގެ އަތެއް ވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved