
ޗައިނާއިން އިރާނަށް ހަތިޔާރު ވިއްކުމަކީ ސިއްރަކުން ކުރާ ކަމެއް ނޫން ކަމަށާއި، އެކަމާ މެދު ހުޅަނގުގެ ގައުމުތަކުން ހައިރާންވާކަމަށް ހެދިގެން އުޅޭނެ ކަމެއް ނެތް ކަމަށް ޗައިނާގެ އިސް ސިޔާސީ މުފައްކިރު އަދި ސަރުކާރުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ވިކްޓަރ ގާއޯ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވިކްޓަރ ގާއޯ ފާހަގަކުރެއްވި ގޮތުގައި، އިރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޗައިނާއިން އަންނަނީ ފާޅުގައި އިރާނަށް ތާއީދުކުރަމުންނެވެ. މިގޮތުން، ޗައިނާގެ ޒަމާނީ ހަނގުރާމަވެރި ހަތިޔާރާއި ސެޓެލައިޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން، އިޒްރޭލާއި އެމެރިކާގެ މަނަވަރުތަކާއި އަސްކަރީ މަރުކަޒުތައް ހުރި ސީދާ ލޮކޭޝަންތައް އިރާނަށް ފޯރުކޮށްދެމުންދާ ކަމީ މުޅި ދުނިޔެއަށްވެސް އެނގޭ ބޮޑު ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވިކްޓަރ ގާއޯ އިތުރަށް ވިދާޅުވީ، އެމެރިކާއިން އިރާނަށް ބިރުދައްކަމުންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިރާނަކީ އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ފުރިހަމަ ހައްގު ލިބިގެންވާ ގައުމެއްކަން ފާހަގަކުރައްވައި، ޗައިނާއިން އިރާނަށް ދޭ އެހީތެރިކަމަކީ ބައިނަލްއަގުވާމީ ގުޅުންތަކުގެ ތެރެއިން ހިނގާ ކަންކަން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، މެދުއިރުމަތީގައި އިޒްރޭލުން ހިންގަމުންދާ އުދުވާނުތަކާ ދެކޮޅަށް އިރާނުން ކުރާ މަސައްކަތުގައި ޗައިނާގެ އެއްބާރުލުން އަބަދުވެސް އޮންނާނެ ކަމުގެ އިޝާރާތެއް ވިކްޓަރ ވަނީ ދެއްވާފައެވެ. އޭނާގެ މި ވާހަކަތަކުން ދޭހަވަނީ، ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި ޗައިނާއާއި އިރާނުގެ ގުޅުން އިތުރަށް ބަދަހިވަމުންދާ ކަމާއި، އެމެރިކާއާއި އިޒްރޭލުގެ ނުފޫޒާ ދެކޮޅަށް ޗައިނާއިން ފާޅުގައި ތެދުވަމުންދާ ކަމެވެ.










