theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ޕޮލިސް މީޑިޔާ
ހަބަރު
ފުލުހުންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަސާސީ ތަމްރީން ކޯހުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް އަންހެން ފުލުހަކު ހޯދައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
16 ޑިސެމްބަރު 2025
މާލެ ސިޓީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ އަސާސީ ތަމްރީން ކޯހުގެ 41ވަނަ ބެޗުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް، ފުރަތަމަ ފަހަރަށް އިމްޝާ ޢަބްދުއްލަތީފް ހާސިލްކޮށްފިއެވެ. މި ކާމިޔާބީއަކީ ފުލުހުންގެ ތާރީޚުގައި އަންހެން ފުލުހަކަށް މި މަޤާމު ލިބުނު ފުރަތަމަ ފަހަރެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅޭ ކޮންމެ ފުލުހަކުވެސް ފުރިހަމަ ކުރަންޖެހޭ މި އަސާސީ ތަމްރީން ކޯހަކީ، ފުލުހުންގެ ބޭނުންތަކަށް ތަމްރީންކުރުމަށް ހިންގާ މުހިންމު ކޯހެކެވެ. މިހާތަނަށް މި ކޯހުގެ 41 ބެޗު ނިމި، އެތައްހާސް ފުލުހުން ވަނީ ދަސްވެނިވެފައެވެ. ކޮންމެ ބެޗެއްގައިވެސް ކިޔަވައިދޭ ހުރިހާ ދާއިރާއަކުން އެންމެ މޮޅު ދަރިވަރަކު ނުވަތަ 'ބެސްޓް އޯލްރައުންޑް ރެކްރޫޓް' ހޮވާއިރު، މިހާތަނަށް ނިމިފައިވާ 40 ބެޗުގައިވެސް އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވުނީ ފިރިހެން އޮފިސަރުންނެވެ.

ނަމަވެސް، ފުލުހުންގެ ޚިދުމަތުގެ ތާރީޚުގައި އާ ސަފްޙާއެއް ހުޅުވައިލަމުން، 41ވަނަ ބެޗުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހާސިލް ކުރެއްވީ ފުލުސް އޮފިސަރ އިމްޝާއެވެ. އިމްޝާ ފުލުހުންގެ ޚިދުމަތާ ގުޅި، 41ވަނަ އަސާސީ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވީ އޭނާގެ ސްކުއަޑުގެ އެންމެ މޮޅު ދަރިވަރަށްވުމުގެ ޢަޒުމާ އެކުގައެވެ. އެ ޢަޒުމުގައި ހުރެ އޭނާ ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ކޮމްޕެނީ ލީޑަރުކަން ލިބި، އެކަމުގެ އަގުވަޒަން ކުރެވި، އެންމެ މޮޅު ދަރިވަރުގެ ޝަރަފުވެރި މަޤާމް އޭނާއަށް ލިބިގެންދިޔައީއެވެ. މިކަމުން ދައްކުވައިދެނީ އަންހެން ފުލުހުންގެ ޤާބިލުކަމާއި، މިންނަތް މަސައްކަތުން ކޮންމެ ކަމެއްވެސް ހާސިލު ކުރެވޭނެކަމުގެ ހެއްކެވެ

އިމްޝާއަކީ ގދ. ފިޔޯރީ، ޢަބްދުއްލަތީފް މުޙައްމަދާއި ގއ. ގެމަނަފުށި އަމީނާ ޢަބްދުއްރަޙްމާންއަށް ލިބުނު 6 ކުދިންގެ ތެރެއިން އެންމެ ހަނގު ކުއްޖާއެވެ. މަޑުމައިތިރި، މުދައްރިސުންނާއި މައިންބަފައިންނަށް ކިޔަމަންތެރި، ސްކޫލުގައި ބަސް މަދު ކުއްޖެއްގެ ގޮތުގައި ފާހަގަކުރެވޭ، އިމްޝާ ސިފައިންގެ ޚިދުމަތުގައި ނުވަތަ ފުލުހެއްގެ ގޮތުގައި އަބަދުވެސް ޤައުމަށް ޚިދުމަތް ކުރުމަށް ޝައުގުވެރިކަން ހުރި ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

ބުރަ މަސައްކަތާއެކު ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ 185 ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލްކުރުމަކީ ޤައުމީ ޚިދުމަތުގައި އިމްޝާގެ ފުރަމަ ފިޔަވަޅެވެ. އިމްޝާގެ އުއްމީދަކީ ކްރިމިނަލް އިންވެސްޓިގޭޝަންގެ ދާއިރާއިން ކިޔެވެން އޮތް އެންމެ މަތީ ފެންވަރަށް ކިޔަވައިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެ އިސް މަގާމާ ހަމައަށް ދިއުމެވެ.

މި ކޯހުގެ 41 ބެޗު ނިމި ވަނަތަކަށް ހޮވުނު ދަރިވަރުންގެ ތެރޭގައިވެސް ގިނައީ އަންހެން އޮފިސަރުންކަން ފާހަގަވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved