ޕީއެންއެފްއިން މިހާތަނަށް ބާއްވާނެ އެންމެ ބޮޑު އެއް ޖަލްސާކަމަށްވާ "ރީސެޓް" ބޭއްވުމަށް ހަމަޖެހިފައިވާތަނަށް ކަަރަންޓު ދޭން ސްޓެލްކޯ އިން ދެކޮޅުހެދުމުން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ އަމިއްލަ ޖެނެރޭޓަރު ގެނެގޮސް ޖަލްސާ ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.
ޕީއެންއެފް އިން ރީސެޓް ޖަލްސާ ބާއްވަނީ މިރޭ 8:30ގައެވެ. ޖަލްސާއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓްފިޝަލް ބީޗް ސަރަހައްދުގައެވެް.
އެހެންނަމަވެސް ސްޓެލްކޯ އިން މިވަނީ ޖަލްސާ ބާއްވާ ސަރަހައްދަށް ކަރަންޓު ދޭން ދެކޮޅު ހަދާފައެވެ. އަދި އެ ސަރަހައްދުގައި ހުރި ކޭބަލްތަށް ވެސް ސްޓެލްކޯއިން ވަނީ ނަގާފައެވެ.
މިއީ ސީދާ ރައީސް މުއިއްޒުގެ އެންގެވުމުގެ ދަށުން ޖެއްސުންކުރުމަށް ސަރުކާރުން ކުރާކަމެއްކަން ފާހަގަކޮށްލެވެއެވެ. ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާއަށް ވެސް މިފަދައިން ޖެއްސުން ކުރުމުން ޖަލްސާ ބާއްވާފައިވަނީ މި ސަރުކާރުން މިހާރު ރޫޅާލާފައިވާ "ބްރިޖް ވިއު" ސަރަހައްދުގައެވެ.
ޕިއެންއެފްގެ ރީސެޓް ޖަލްސާއަކީ ސަރުކާރުން ކުރާ ނޭދެވޭކަންކަން ރީސެޓްކުރުމަށްކަމަށްބުނެ ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާއަށް ގިނަ ބަޔަކަށް އެ ޕާޓީން ވަނީ ދައުވަތުވެސް އަރުވާފައެވެ.