May 4, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އައިސީސީގެ ފަނޑިޔާރުންނަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 20, 2025, 07:54 PM
މާލެ ސިޓީ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގެ ފަނޑިޔާރުންނާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަން އެމެރިކާއިން އިއުލާންކޮށްފިއެވެ.

Advertisement

މި ފިޔަވަޅު އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ނަގާފައިވަނީ ފަނޑިޔާރުން ޔަހޫދީންނަށް އަމާޒުކޮށްގެން ނުހައްގުން އަމާޒުކުރަމުންދާ ކަމަށް ބުނެއެވެ.

ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަނޑިޔާރުންނަކީ ޖޯޖިއާ އާއި ބެނިންއަށް ނިސްބަތްވާ ފަނޑިޔާރުންނެވެ. އެމެރިކާއިން ބުނާ ގޮތުގައި އައިސީސީގައި ޔަހޫދީންނާއި ދެކޮޅަށް ހިންގި "ޣައިރު ގާނޫނީ" މައްސަލައެއްގައި އެމީހުން ސީދާ ބައިވެރިވި ކަމަށާއި އެމެރިކާއިން ދެކޭ ގޮތުގައި މި މައްސަލައަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ.

މިދިޔަ އަހަރު އައިސީސީން ވަނީ ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ. އެ ކޯޓުން ވަނީ ހަނގުރާމައިގެ ޖަރީމާތަކާއި، ޚާއްސަކޮށް ޣައްޒާގެ ހަނގުރާމައާ ގުޅިފައިވާ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކެއްގެ ގޮތުގައި ތުހުމަތުކޮށްފައެވެ. މި އަމުރު ނެރެފައިވަނީ ފަލަސްތީނުގެ ސަރަހައްދުތަކުގައި ޔަހޫދީން ހިންގަމުންދާ އުދުވާނީ ޢަމަލުތަކުގެ ތަހުގީގާ ގުޅިގެންނެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ ހައްޔަރު ކުރުމުގެ އަމުރު ބާތިލް ކުރުމަށް ޔަހޫދީން އެދުމުން އައިސީސީން ދެކޮޅު ހެދުމުންނެވެ. އެމެރިކާގެ މި ފިޔަވަޅުގެ ސަބަބުން ގާނޫނީ ތަޖުރިބާކާރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ މެދުގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެބަޔަކު ބުނާ ގޮތުގައި މިއީ އައިސީސީގެ މިނިވަންކަމަށް ހުރަސްއަޅާ އަދި ބައިނަލްއަގްވާމީ ޢަދުލު އިންސާފުގެ ނިޒާމަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކަށް އައިސީސީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މި ފިޔަވަޅަކީ އެ ކޯޓުގެ މިނިވަންކަމަށް ހަމަލާދޭ އަދި ބައިނަލްއަގްވާމީ ގާނޫނުތަކަށް ބުރޫއަރާ ކަމެއް ކަމަށް ބުނެފައިވެއެވެ. އެ ކޯޓުން އިތުރަށް ބުނީ އެ ކޯޓުގެ ފަނޑިޔާރުންނާއި ބޮޑެތި ޖަރީމާތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެ ކޯޓުން ދިފާއުކުރާނެ ކަމަށާއި، ޢަދުލު އިންސާފު ހޯދުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved