May 1, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ޝަރުއީ ދާއިރާ އޮތީ އޮވާ ހޯލް ކުރަން ޖެހިފައި: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 5, 2024, 05:47 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ މުޅި ޝަރުއީ ދާއިރާ އޮތީ އޮވާ ހޯލް ކުރަން ޖެހިފައި ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޔާމީންއަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނީ ސަރުކާރުން އޭރު ބޭނުބްވާ ގޮތަށް ހުކުމު ނެރެގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރިއެވެ. އަދި އެއީ ގާނޫނާ ހިލާފަށް ނެރެފައިވާ ހުކުމެއް ކަމަށްވެސް ގާނޫނީ ބޭފުޅުން އޭރު ވަރަށް ބޮޑަށް ވަކާލު ކުރެއްވިއެވެ.

ހަމަ އެފަދަ މައްސަލައެއް އެމެރިކާގެ ރިޔާސީ އިންތިހާބާ ދިމާކޮށް މިހާރު ފެންމަތިވެގެން އުޅޭ އިރު އެ ގައުމުގެ ސުޕްރީމު ކޯޓުން ވަނީ އެކަމާ ގުޅިގެން ހުކުމް އިއްވާ މައްސަލަ ނިންމާފައެވެ.

އެގޮތުން 2021 ވަނަ އަހަރު ޖެނުއަރީ 6 ވަނަ ދުވަހު އެމެރިކާގެ ރިޔާސީ އިންތިޚާބުން ބަލިވި، އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބަލި ގަބޫލު ކުރަން ދެކޮޅު ހަދައި، ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކޮށް، ކޮންގްރެސް ގައި ނަގަން އުޅުނު އިލެކްޓޯރަލް ވޯޓު ނެގުން ހުއްޓުވަން އޭނާގެ ސަޕޯޓަރުން ލައްވާ ކެޕިޓޮލްއަށް ޖަމާވެ ހިނގައިދިޔަ ރަޔަޓްތަކާ ގުޅިގެން ޓްރަމްޕްގެ މައްޗަށް ބަޣާވާތް ކުރަން އުޅުމުގެ ތުހުމަތު ކުރެވޭތީ ކޮލަރާޑޯ ސްޓޭޓުގެ ސުޕްރީމް ކޯޓުން ޓްރަމްޕަށް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލެވޭނެކަމަށް ނިންމި ނިންމުން އެމެރިކާގެ ސުޕްރީމްކޯޓުން ވަނީ ބާތިލުކޮށްފައެވެ.

ޓްރަމްޕު، ނުވަތަ އެހެން ކެނޑިޑޭޓެއްގެ ކެންޑިޑޭސީވެސް 'އިންސުރެކްޝަން'ގެ އަމަލަކާ ގުޅިގެން ބާތިލު ނުކުރެވޭނެ ކަމަށް ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައިވެއެވެ.

މިކަމަށް އިޝާރާތްކުރައްވާ ޑރ. ޖަމީލު އެކްސްގައި ވިދާޅުވީ، ފެންނިގެން ދަނީ ބޮޑަތި ޑިމޮކްރަސީގައި ޖުޑިޝަރީއަކީ އިތުބާރު ކުރެވޭ މުވައްސަސާއެއްގެ ގޮތުގައި ކަމަށެވެ. ރާއްޖޭގައި ރައީސް ޔާމީނަށް ހަމަ އެއްބާވަތެއްގެ ކަމެއްގައި ލިބުނީ ސަރުކާރު ބޭނުންވި ޙުކުމްކަމަށް ވިދާޅުވެ ޑރ. ޖަމީލު ވިދާޅުވީ އިސްތިއުނާފު ތަޅު އަޅުވާފައިވާ ކަމަށާ އަދި ވާދަ ކުރުމުގެ ފުރުސަތުވެސް ރައީސް ޔާމީންއަށް ނެތްކަމަށެވެ.

ޖުޑިޝީއަރީއިން ކަންކުރަމުން ގެންދާ ގޮތާ މެދު ހިތްޕުޅު ހަމަނުޖެހި ޑރ. ޖަމީލު ވިދާޅުވީ މުޅި ޝަރުއީ ދާއިރާ "އޮވާ ހައުލް" ނުވަތަ މަރާމާތު ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved