
މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ވިސްލު ބްލޯ ކުރުމުން ވަޒީފާއިން ކަނޑާލިކަމަށް އާންމު ފަރުދަކު ބުނެފިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު، މާލޭގެ ރައްޔިތުންނާ ބައްދަލުކުރަން ބާއްވަމުން ގެންދިޔަ ބައްދަލުވުންތަކުގެ އެންމެ ފަހު ބައްދަލުވުން ކަމަށްވާ ހުޅުމާލޭ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރެއްވި ކުރެއްވުމުގެ ތެރެއިން އާންމު ރައްޔިތަކު ވަނީ އޭނާ ސްޓެލްކޯގެ މަގާމެއްގައި ހުރެ އެތަނުގެ ތެރެއިން ހިންގަމުން ދިޔަ ކޮރަޕްޝަންގެ ވާހަކަ ރައީސް އޮފީހުގެ މިނިސްޓަރަކާ ހިއްސާކުރުމުން އޭނާ ވަޒީފާއިން ކަނޑާލި ކަމަށް ބުނެފައެވެ.
ނ. ވެލިދޫއަށް އުފަން ހަމީދު އެ ބައްދަލުވުމުގައި ބުނެފައިވަނީ، އޭނާއަކީ މި ސަރުކާރުގައި ސްޓެލްކޯގެ މަގާމެއްގައި ހުރި މީހެއް ކަމަށާ، އެ މަގާމުގައި ހުރެ ސްޓެލްކޯގައި ވަޒީފާ އަދާކުރިއިރު ތަނުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށްވެސް އެނގިގެން ކޮރަޕްޝަންގެ ބޮޑެތި ކަންކަން ހިނގަމުން ދިޔަ ކަމަށާ އެކަން ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރުއާ ހަމައަށް ގެންގޮސް ރައީސް އޮފީހުގައި ބައްދަލުކޮށް ވާހަކަ ދެކެވުނު ކމަށެވެ.
އަބްދުﷲ ނަސީރު ވަނީ އެއީ ރައީސް މުއިއްޒު ވަރަށް ރުޅިދުރުވާނެކަމެއްކަމަށް ވިދާޅުވެ އެކަން ބަލާނެ ކަމަށް ބުނެފައިކަމަށާ ނަމަވެސް އޭގެ ދުވަސް ގަނޑެއް ފަހުން ހަމީދު ވަޒީފާއިން ވަކިކޮށް ފޮނުވާލީ ކަމަށް ހަމީދު ވަނީ އެ ބައްދަލުވުމުގައި ފާހަގަކޮށްފައެވެ.
ހަމީދު ވަނީ ކޮރަޕްޝަން މި ސަރުކާރުގައި ނުހިނގާނެ ކަމަށް ރައީސް ވިދާޅުވާއިރު ކޮރަޕްޝަންގެ މޭސްތިރިން ތިބެނީ އެމަނިކުފާނާ އެންމެ އަރިހުގައި ކަމަށްވެސް ބުނެފައެވެ. އެގޮތުން މިވަގުތުވެސް އޭރު ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ހުންނެވީ ރައީސް އޮފީހުގައި އެމަނިކުފާނުގެ އަރިހުގައި ކަން ހަމީދު ފާހަގަކޮށްފައިވެއެވެ.










