theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ޓައިމްސް އޮފް އިސްރާއީލް
ދުނިޔެ
ތުރުކީއާއި ދެކޮޅަށް ތެދުވުމަށް ސަހްޔޫނީނުން ސައިޕްރަސް އާއި ގްރީސް އެކުގައި އިއްތިހާދެއްގައި ސޮއިކުރަނީ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
23 ޑިސެމްބަރު 2025
މާލެ ސިޓީ

ސަހްޔޫނީނުން ސައިޕްރަސް އާއި ގްރީސްއާ އެކު އާ އިއްތިހާދެއް ހަދަން އިއުލާންކޮށްފިއެވެ.

މި ތިން ގައުމުގެ އެއްބަސްވުމަކީ އިރުމަތީ މެޑިޓެރޭނިއަން ކަނޑުގެ ސަރަހައްދުގައި ފިތުނަތައް އިތުރުކޮށް، މި ސަރަހައްދުގައި ތުރުކީގެ ނުފޫޒަށް ސީދާ ގޮންޖެހުމެއްގެ ގޮތުގައި ގިނަ ބައިނަލްއަޤްވާމީ ފަރާތްތަކުން ދެކެމުން އަންނަ އެއްބަސްވުމެކެވެ. މި އިއްތިހާދުގެ ސަބަބުން، ސަރަހައްދުގެ ސިޔާސީ މާހައުލަށް ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ލަފާކުރެވެއެވެ.

ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި އިޢުލާނާއެކު ހަރުކަށި ބަޔާންތަކެއް ދެއްވައިފައެވެ. އޭނާ ވިދާޅުވީ ތުރުކީއަށް "އިމްޕިރިއަލް އެންބިޝަންސް" ނުވަތަ "ފުޅާކުރުމުގެ ބޭނުންތައް" ހުރި ކަމަށާއި އެކަމަށް އިންޒާރު ދެއްވާފައިވެއެވެ.

ނަތަންޔާހޫގެ މި ވާހަކަތަކަކީ ހައްދުފަހަނަޅާ، ހަމަނުޖެހުން އުފެއްދުމަށާއި ތުރުކީއަށް އިހުތިރާމެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން ދެއެވެ. މިކަމުގެ ސަބަބުން މިހާރުވެސް ގޯސްވެފައިވާ ގުޅުންތައް އިތުރަށް ގޯސްވެގެންދާނެ ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވަނީ ސަރަހައްދީ ލީޑަޝިޕާއި މުސްލިމް ގައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ގިނަ ވާހަކަ ދައްކަވާފައެވެ. ނަތަންޔާހޫ ދެއްކި ވާހަކަތަކަކީ އިޙްތިރާމް ކުޑަ އަދި ތުރުކީގެ ދައުރު ކުޑަކޮށްލުމަށް ދައްކާ ވާހަކަތަކެއްގެ ގޮތުގައި އުރުދުޣާން ފާހަގަކުރިއެވެ. މިފަދަ ހަރުކަށި ވާހަކަތަކަކީ ސަރަހައްދީ ސުލްހައަށް ހުރި ބޮޑު ގޮންޖެހުމެއް ކަމަށް ތުރުކީއިން ބުނެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ސަހްޔޫނީން މިފަދަ އިއްތިހާދުތައް ބޭނުން ކުރަނީ މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމުގެ ބަދަލުގައި ތުރުކީ އެކަހެރި ކުރުމަށެވެ. އެމީހުން ބުނާ ގޮތުގައި މި އިއްތިހާދުގެ ސަބަބުން ސަރަހައްދުގައި ސުލްހަ ގާއިމް ކުރުމަށް ވުރެ ނުތަނަވަސްކަން އިތުރުވެ، ހަމަނުޖެހުންތައް އިތުރުވެދާނެ ކަމަށާއި މިއީ ސަރަހައްދުގެ ދިގު މުއްދަތުގެ ސަލާމަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ސަހްޔޫނީންނާއި ސައިޕްރަސް އަދި ގްރީސް އިން ތުރުކީއާ ދެކޮޅަށް ހެދި މި އިއްތިހާދުގެ ސަބަބުން ސަރަހައްދީ ކަންބޮޑުވުންތައް އުފެދިފައިވާއިރު، އެކަމުގެ ސަބަބުން ބައިބައިވުންތައް އުފެދި، ދިގު މުއްދަތުގެ ސަރަހައްދީ އެއްބާރުލުންތަކަށް ގެއްލުން ލިބިދާނެ ކަމުގެ ބިރު އެބައޮތެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ސަރަހައްދުގައި ސަލާމަތީ ގޮތުން ހަމަނުޖެހުން އުފެދި، އާ ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމަށްވެސް ބައެއް މާހިރުން އިންޒާރުދެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved