
އިންޑިއާގައި ކްރިސްމަސް ފާހަގަކުރަމުންދާ ފަރާތްތަކަށާއި، ކްރިސްޓިއަނުންގެ އަޅުކަންކުރާ ތަންތަނަށް ހިންދޫ ނިރުބަވެރި ޖަމާއަތްތަކުން ހަމަލާދިނުމުގެ ހާދިސާތައް ގިނަވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.
މިފަދަ ހަމަލާތަކުގެ ސަބަބުން ކްރިސްޓިއަން މުޖުތަމަޢުގެ މެދުގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެދިފައިވާކަމަށް އެ ރިޕޯޓުތަކުން ބުނެއެވެ. ޚާއްސަކޮށް، ކްރިސްމަސްގެ މުނާސަބަތުގައި ބާއްވާ ހަފުލާތަކާއި، ޗާޗުތަކަށް އަމާޒުކޮށް ގިނަ ހަމަލާތައް ދީފައިވާ ކަމުގެ މަންޒަރުތައް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.
މިފަދަ ޕޯސްޓުތަކުން ހާމަވަނީ ހިންދޫ ނިރުބަވެރި ޖަމާއަތްތަކުން، އެހެން ދީންތަކުގެ މީހުންނަށް ފުރައްސާރަކުރުމާއި އަނިޔާވެރިވުމަކީ އާދައަކަށް ވެފައިވާކަން ކަމަށް ބައެއް ފަރާތްތަކުން ދަޢުވާކުރެއެވެ. އެހެން ދީންތަކަށް ފުރައްސާރަކުރުމާއި، އެ ދީންތަކުގެ އަޅުކަންތަކަށް ހުރަސް އެޅުމަކީ އެމީހުންގެ މައިގަނޑު ސިޔާސަތެއް ކަމަށް މި ފަރާތްތަކުން ބުނެއެވެ.
އިންޑިއާގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރެއްގެ ދަށުން، އެގައުމުގައި ދިރިއުޅޭ މުސްލިމުންނަށާއި، ކްރިސްޓިއަނުން ފަދަ އެހެން ދީންތަކުގެ މީހުންނަށް ކުރިމަތިލާންޖެހޭ ދަތިތައް އިތުރުވަމުންދާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ހިންދޫ ނިރުބަވެރިންގެ ހަމަލާތައް އިތުރުވެފައިވާއިރު، މިފަދަ ހަމަލާތަކުގެ ތުހުމަތުވެސް މުސްލިމުންގެ ބޮލުގައި އަޅުވައި، އެކަމުގެ ސަބަބުން މުސްލިމުންނަށް އިތުރަށް އަނިޔާދިނުމަށް މޯދީ ސަރުކާރުން މަސައްކަތްކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
މިކަމުގެ ސަބަބުން އިންޑިއާގެ އިޖުތިމާޢީ އެއްބައިވަންތަކަމަށާއި، ދީނީ މިނިވަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. އިންޑިއާ ސަރުކާރުން މިފަދަ ހާދިސާތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދޭ ކަމުގެ ތުހުމަތުވެސް އުފެދިފައިވެއެވެ.
މިހާލަތުގައި، އިންޑިއާގައި ދިރިއުޅޭ ކްރިސްޓިއަން މުޖުތަމަޢުތަކުން ވަނީ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމަށް ގޮވާލާފައެވެ. ދީނީ މިނިވަންކަމަށް ހުރި ހުރަސްތައް ނައްތާލައި، ހުރިހާ ދީންތަކުގެ މީހުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމްކުރުމަށްވެސް އެމީހުން އަންނަނީ ގޮވާލަމުންނެވެ.










