March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުއިއްޒުގެ ސަރުކާރުން އެއްވެސް ކަމެއް ރަނގަޅަށް ނުކުރޭ، އަމިއްލަ އަތުން ގުދުރަތީ މާހައުލު ހަލާކުކޮށްލަނީ: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 27, 2025, 05:35 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ރިސޯޓްތަކާއި މީހުން ދިރިއުޅޭ ރަށްރަށު ކައިރިން ވެލި ނެގުމުގެ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް، ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލު ސަރުކާރަށް ގޮވާލައިފިއެވެ.

Advertisement

ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ކަމަށްވާ މި ދުވަސްވަރު، މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އިތުރުން، ފަތުރުވެރިކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަލީހް ވަނީ މިކަމާ ގުޅޭގޮތުން ސަރުކާރަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ.

ވެލި ނެގުމުގެ މަސައްކަތްތައް، ހާއްސަކޮށް ރިސޯޓްތަކާއި އާބާދީ ބޮޑު ރަށްރަށާ ކައިރިން ކުރުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ގެއްލި، ފަރުތަކާއި ފިނޮޅުތަކަށް ސީދާ އަސަރުކުރާ ކަމެކެވެ. މަލީހް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މުހިންމު ސިފަ ކަމުގައިވާ ހުދުވެލި ގޮނޑުދޮށްތަކާއި، ސާފު ފެނުގެ ރީތިކަމަށް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަރާތުން ޝަކުވާތައް އައުން ގާތެވެ. މުޅި ރާއްޖެ ހިއްކޭހާ ވެލި އަލިހުރަސް ކަނޑު އަޑީގައި އެއޮތް ކަމަށް ވެސް އޭނާ ވަނީ ފާޅުކުރައްވާފައެވެ.

މިފަދަ މައްސަލަތަކުގައި ތިމާވެށި މިނިސްޓްރީގެ އަދި ޓޫރިޒަމް މިނިސްޓްރީގެ ދައުރާމެދު ސުވާލު އުފެދޭ ކަމަށާއި ފަތުރުވެރިކަމުގެ ހައި ސީޒަންގައި ތިމާވެށީގެ ހިމާޔަތަށް އެއްވެސް ފިޔަވަޅެއް ނާޅާކަން ފާހަގަކުރެވޭ ކަމަށާއި، މި ދެ މިނިސްޓްރީން ވެސް މިކަމަށް ސަމާލުކަމެއް ނުދޭ ކަމަށް މަލީހްގެ ޕޯސްޓުގައި ބުނެފައިވެއެވެ. ސަރުކާރުގެ އިހުމާލުން ރާއްޖޭގެ ތިމާވެށި ހަލާކުވެ، ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރާ އެއްވެސް ކަމެއް ރަނގަޅަށް ކުރައްވާ ކަމަށް ނުފެންނަ ކަމަށް ބުނެ މަލީހް ވަނީ ފާޑުކިޔާފައެވެ. ތިމާވެށީގެ މިނިސްޓަރާއި ސަރުކާރުގެ އިހުމާލުން، ރާއްޖޭގެ މުސްތަގުބަލަށް ހުރި ނުރައްކާތަކަށް އޭނާ ވަނީ އިޝާރާތްކުރައްވާފައެވެ. މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ނުހޯދައިފިނަމަ، ރާއްޖޭގެ ތިމާވެށި އާއި ފަތުރުވެރިކަން ވެއްޓިދާނެ ކަމުގެ އިންޒާރު މި ޕޯސްޓުގައި ވަނީ ދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved