މާލެ ސިޓީގެ ހައިބަތު ހިފެއްޓޭނެ މޭޔަރަކީ ޕީއެންއެފްގެ ފަރާތުން މާލެ ސިޓީ ކައުންސިލްކަމަށް ކުރިމަތިލައްވާ ގައުމީ ކެންޑިޑޭޓު، އިސްމާއިލް ޒަރިޔަންދުކަމަށް އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްްގައެވެ.
މަލީހު ވިދާޅުވީ މާލެ ސިޓީ ރައްޔިތުންގެ އުންމީދީ މޭޔަރަކީ ޒަރިޔަންދުކަމަށެވެ. މިއީ ތައުލީމީ ގޮތުންނާއި ތަހުރިބާގެ ގޮތުން އަދި ގުޅުންތަކަށް ބަލާއިރު މާލެ ސިޓީން ލިބޭނެ އެންމެ ރަނގަޅު ޗޮއިސްކަމަށް ވެސް މަލީހު ވިދާޅުވެފައިވެއެވެ.
ރައްޔިތުން މިހާރުވެސް ޒަރިޔަންދު ބަލައިގަނެފައިވާކަމަށް ވިދާޅުވެ މަލީހު ވަނީ މާލެ ސިޓީގެ ހައިބަތު ދެމެހެއްްޓޭނެ މޭޔަރަކީ ޒަރިޔަންދުކަމަށް ވެސް ޕޯސްޓުގައި ވިދާޅުވެފައެވެ.
2026 ވަނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ފަރާތުން ވާދަކުރައްވަނީ ދައުލަތުގެ ބޮޑެތި މަގާމުތަކެއް ފުރުއްވާފައިވާ އިސްމާއިލް ޒަރިޔަންދުކަމަށް އެ ޕާޓީން އިއުލާނުކުރީ މި މަހުގެ 17 ވަނަ ދުވަހު އޮތް "ރީސެޓް" ޖަލްސާގައެވެ.
ކުރީގެ ގައުމީ ގޯލްކީޕަރު އަދި ދައުލަތުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއް ހޭދަކުރެއްވި ޒަރިޔަންދު، ޕީއެންއެފްގެ ފަރާތުން ނުކުންނަވަނީ، އޭނާ ވިދާޅުވި ގޮތުގައި، މާލެ ސިޓީ ކައުންސިލްގައި ހުރި މައްސަލަތައް ހައްލުކުރަން އޭނާ ކަހަލަ ބޭފުޅަކު ބޭނުންވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމުންނެވެ.
އެއީ އޭގެ ކުރިން ސިޔާސީ އެހެން ލީޑަރަކު އޭނާ ކައިރީ ވިދާޅުވި ވާހަކައެއް ނޫން ކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދުއަކީ ދައުލަތުގެ އެކި އިދާރާތަކުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ސީނިއާ އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.