theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ސިޔާސީ
އިންޑިއާގެ ޖާސޫސީ އުޅަނދަކާއި ރާއްޖޭގައި އޮންނަ ޑޯނިއާ އެއްވަގުތެއްގައި ރާއްޖޭގެ ކަނޑުތަކުގައި!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
29 ޑިސެމްބަރު 2025
މާލެ ސިޓީ

މިދިޔަ ޑިސެމްބަރު 21 ވަނަ ދުވަހު އިންޑިއާގެ އަސްކަރިއްޔާގެ P-81 Neptune މަރުކާގެ ޖާސޫސީ އުޅަނދަކާއި ރާއްޖޭގައި މަރުކަޒުކޮށްފައި ހުންނަ ޑޯނިއާ އެއްވަގުތެއްގައި ހުވަދޫ ކަނޑު ކައިރިން ދުއްވާފައިވާ ކަމަށް ޚަބަރުތައް ބުނެފައިވާއިރު، މިކަމާ ގުޅިގެން ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

އޭވިއޭޓަރސް މޯލްޑިވްސްއިން ފުރަތަމަ ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިއާގެ އަސްކަރިއްޔާގެ P-81 Neptune މަރުކާގެ އުޅަނދެއް (ރަޖިސްޓްރޭޝަން ނަންބަރު IN331) ޑިސެމްބަރު 21 ވަނަ ދުވަހު ރާއްޖެ ގަޑިން ހެދުނު 8:45 ހާއިރު ދަތުރު ފަށައި، ދެ ގަޑިއިރުގެ ދަތުރަކަށްފަހު ލ. އަތޮޅުގެ އިރުން 80 ކިލޯމީޓަރެއްހާ ކައިރިއަށް އައިސްފައިވެ އެވެ. މި އުޅަނދު ރާއްޖެ ސަރަހައްދަށް ދަތުރުކޮށްފައިވަނީ 31,000 ފޫޓުގެ އުސްމިނެއްގައެވެ. ނަމަވެސް ލ. އަތޮޅާއި ކައިރިއަށް އައިސް އެ އުޅަނދުން ދުއްވަމުންދިޔަ އުސްމިން ވަރަށް ބޮޑުތަނުން ދައްކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި މައުލޫމާތާއި ގުޅިގެން "އަދަދު ނޫހުން" އިތުރަށް ހޯދާފައިވާ މައުލޫމާތުން ހާމަވާ ގޮތުގައި، ހަމަ އެ ދުވަހުގެ އެ ވަގުތު ހަނިމާދޫގައި މަރުކަޒުކޮށްފައި އޮންނަ އިންޑިއާގެ ޑޯނިއާ ވަނީ އެ ރަށުން ފުރައިގެން ދިގު ދަތުރެއްކޮށް އެ ސަރަހައްދަށް ގޮސްފަ އެވެ. ޑޯނިއާ ހަނިމާދޫ އިން ފުރީ ހެދުނު 7:40 ހާއިރު އެވެ. ޑޯނިއާ އަށް ލ. އަތޮޅު ކައިރިއަށް ދެވުނީ ހެދުނު 9:00 ހާއިރު އެވެ. ޖެހިގެން އައި ދެ ގަޑިއިރެއްހާއިރު ޑޯނިއާއިން ވަނީ 9,000 ފޫޓުގެ އުސްމިނެއްގައި ލ. އަތޮޅުގެ އިރާއި ދެކުނުން ދުއްވާފަ އެވެ.

މިއީ މިފަހުން އިންޑިއާގެ އަސްކަރިއްޔާއިން ޖާސޫސީ މިޝަންތަކަށް ބޭނުންކުރާ P-81 Neptune މަރުކާގެ އުޅަނދުތަކުން ރާއްޖެ ސަރަހައްދަށް ވަދެ ދަތުރުކުރިކަން ތުހުމަތުކުރެވޭ ތިން ވަނަ ފަހަރު ކަމަށް ޚަބަރުތައް ބުނެ އެވެ. މީގެ ކުރިން ވެސް ޕާކިސްތާނުގެ އަސްކަރީ މަނަވަރެއް ރާއްޖެ އައިސް ދިވެހި ސިފައިންނާއެކު ތަމްރީނުތަކެއް ކުރިއަށް ގެންދަނިކޮށް، މި މަރުކާގެ ދެ ބޯޓެއް ރާއްޖެ ކައިރިން ދުއްވާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ "އިންޑިއާ އައުޓް" ކެމްޕެއިނާއެކު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ ވައުދާއެކުގަ އެވެ. މި ސަރުކާރުން ވަނީ ކުރީގެ އެމްޑީޕީ ސަރުކާރުން އިންޑިއާއާއި ގާތް ގުޅުން ބާއްވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވީ ނަމަވެސް، މި ސަރުކާރުން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ ޑޯނިއާ އަދި ދެ ހެލިކޮޕްޓަރުގެ އެގްރީމެންޓު އާކޮށްފަ އެވެ. އިންޑިއާ ސަރުކާރުން ވެސް ބުނެފައިވަނީ މި އެގްރީމެންޓުތައް އާކުރެވުނީ ރާއްޖެ ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ.

-

މީގެ އިތުރުން، މި ދެ އުޅަނދު އެއްވަގުތެއްގައި އެއް ސަރަހައްދެއްގައި ދުއްވިކަން ހާމަވެފައި މިވަނީ، އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ ވައުދާއެކު ވެރިކަމަށް އައިސްފައިވާ މި ސަރުކާރުން، އިންޑިއާގެ ޑޯނިއާ އަދި ދެ ހެލިކޮޕްޓަރުގެ އެގްރީމެންޓު އާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ރާއްޖޭގެ ދިފާއީ ސަރަހައްދުގައި ބޭރުގެ ޖާސޫސީ އުޅަނދުތައް ހަރަކާތްތެރިވުމާއި، މިފަދަ ހާލަތްތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ޑޯނިއާގެ ދައުރާމެދު އާންމުންގެ މެދުގައި ސުވާލުތައް އުފެދެމުންދާއިރު، މިކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved