ސްޓެލްކޯއިން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރާމެދު ރައްޔިތުން ދެކޭގޮތް ދެނެގަނެ، ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި އޮންލައިން ފީޑްބެކް ފޯމެއް މެދުވެރިކޮށް ޚިޔާލު ހުށަހެޅުމަށް ވަނީ އިއުލާނުކޮށްފައެވެ. އެކްސްގައި ސްޓެލްކޯއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކުންފުނީގެ ޚިދުމަތްތަކާމެދު ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ހޯދުމަށް މި ފޯމު އެކުލަވާލާފައިވާ ކަމަށާއި، މި ފުރުސަތުގެ ބޭނުން ހިފައި، ޚިޔާލު ހުށަހެޅުމަށް ދަޢުވަތު އަރުވާ ކަމަށެވެ.
މި އިއުލާނާއެކު ގިނަ ބަޔަކަށް އުފެދިފައިވާ ސުވާލަކީ، މި ސަރުކާރު އައި ފަހުން ސްޓެލްކޯގެ ޚިދުމަތުގެ ފެންވަރު ހުއްޓުމެއް ނެތި ދަށްވެ، ރައްޔިތުން އެތައް ޝަކުވާއެއް ކުރަމުންދާ މި ދަނޑިވަޅުގައި، ސްޓެލްކޯއަށް ދެވޭނެ 'ފީޑްބެކް' އަކީ ކޮބައިތޯއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ދިޔުމުގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ކަރަންޓް ކެނޑި، ދިރިއުޅުމަށް އެތައް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ސްޓެލްކޯއިން ދަނީ "އަޕްގްރޭޑް" ކުރުމުގެ ނަމުގައި ހަފްތާ ބަންދުތަކާއި ދިމާކޮށް ގަވައިދުން ކަރަންޓް ކަޑާލައި، ރައްޔިތުންނަށް އެތަކެއް ތަކުލީފެއް ދެމުންނެވެ.
މިފަދަ ހާލަތެއްގައި، ސްޓެލްކޯއިން ރައްޔިތުންގެ ޚިޔާލު ހޯދަން ނިންމާފައިވާއިރު، މީގެ ކުރިންވެސް ސިޔާސީ ގޮތުން ސްޓެލްކޯއިން އަމަލުކޮށްފައިވާ ކަންކަމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މިގޮތުން، ޑިސެމްބަރު 17 ވަނަ ދުވަހު ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ޕާޓީއިން އިންތިޒާމްކޮށްގެން ބާއްވަން އުޅުނު "ރީސެޓް" ޖަލްސާއާއި ދިމާކޮށް، ސްޓެލްކޯއިން ވަނީ އާޓިފިޝިއަލް ބީޗް ސަރަހައްދަށް ކަރަންޓް ދިނުމަށް ދެކޮޅު ހަދާ، އެ ސަރަހައްދުގައި ހުރި ކޭބަލްތައްވެސް ނަގާފައެވެ. މިކަން ގިނަ ބަޔަކު ދެކެނީ، ސްޓެލްކޯއިންނާއި ސަރުކާރުން ކުރި ސީދާ ސިޔާސީ ޖެއްސުމެއްގެ ގޮތުގައެވެ.
މި ކުންފުނީގެ ޚިދުމަތްތަކާމެދު ރައްޔިތުން ދެކޭގޮތް ދެނެގަނެ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ހޯދުމަށް އެކުލަވާލާފައިވާ އޮންލައިން ފީޑްބެކް ފޯމު މެދުވެރިކޮށް، ޚިޔާލު ދެއްވުމަށް ދަޢުވަތު އަރުވަން.
— STELCO (@STELCOMALDIVES) December 22, 2025
ސްޓެލްކޯއިން މިފަދަ "ދަށު ދަރަޖައިގެ" އަމަލުތައް ކުރި ނަމަވެސް، ޕީއެންއެފްއިން ވަނީ އެ ޖަލްސާ އަމިއްލަ ޖަނެރޭޓަރުގައި ކަރަންޓް ދީގެން ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި ހުރިހާ ކަމަކަށްފަހު، ސްޓެލްކޯއިން މި ހޯދަން މަސައްކަތްކުރާ ފީޑްބެކަކީ ކޮންފަދަ ފީޑްބެކެއްތޯ ސުވާލު އުފެދެއެވެ. ރައްޔިތުންނަށް ލިބިފައިވާ ތަކުލީފުތަކާއި، ސިޔާސީ ގޮތުން ކުރިމަތިވި ހުރަސްތަކަށް ބަލާއިރު، ސްޓެލްކޯގެ ޚިދުމަތަށް ދެވޭނެ 'ފީޑްބެކް' ކޮބައިކަން އެނގޭނީ ހަމައެކަނި ސްޓެލްކޯއަށާއި ސަރުކާރުގެ ވެރިންނަށެވެ.