
ދިވެހި ރައްޔިތުން މިހާރު ބޭހަށް ޖެހިފައިވާ މިންވަރަށް ދުވަހަކުވެސް ބޭހަށް ނުޖެހޭ ކަމަށް ޕީއެންއެފްގެ ސެނެޓަރ ނާއިފް ޝައުކަތު ވިދާޅުވެއްޖެއެވެ.
ބޭސް ނުލިބުމުގެ ޝަކުވާއަކީ މި ސަރުކާރު އައި ފަހުންވެސް ވަރަށް ބޮޑުވެފައިވާ ޝަކުވާއަކަށްވާއިރު، އެކަމުގެ ދިފާއުގައި ސަރުކާރުގެ ފަރާތުން ސިއްހީ ވަޒީރު އަހުމަދު ނާޒިމް ވިދާޅުވެފައިވަނީ އެއްވެސް އިރަކު ބޭނުންވާ ހުރިހާ ބޭހެއް ރާއްޖެއިން ލިބެން ނުހުންނަ ކަމަށެވެ.
ވަޒީރުގެ އެ ވާހަކައަށް ރައްދު ދެއްވާ ނާއިފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު، ރައްޔިތުންނާ ބައްދަލުކުރމުގެ ނަމުގައި ކުރިއަށް ގެންދިޔަ ސިލްސިލާގައި ރައްޔިތުން ވަނީ އަސާސީ އެތައް ހަގެއް ކަށަވަރު ނުވާތީ ރޮއި އާދޭސްކޮށްފައިކަމަށެވެ.
އަސާސީ ހައްގެއް ކަމަށްވާ ބޭސްފަރުވާގެ ތެރެއިން ބޭސް ލިބެން ނުހުންނަ ކަމުގެ ޝަކުވާ އެ ރައްޔިތުން ކުރިކަން ފާހަގަކުރައްވާ ނާއިފް ވިދާޅުވީ، ރައްޔިތުން ބޭސް ނުލިބޭކަން ފާހަގަކޮށްފައިވަނިކޮށް ކަމާ ގުޅުން ހުރި ވަޒީރު ކުރީ މަލާމާތެއް ކަމަށާ އެކަމުން ހާމަވީ ވަޒީރުގެ ނާގާބިލުކަން ކަމަށްވެސް ނާއިފް ވިދާޅުވެފައިވެއެވެ.
ނާއިފްގެ ޕޯސްޓޫ ނިންމަވާލައްވާފައިވަނީ، މިހާރު ދިވެހިން ބޭހަށް ޖެހިފައިވާ މިންވަރަށް ދުވަހަކުވެސް ބޭހަށް ޖެހިގެން ގޮސްފައި ނުވާކަމަށާ އެފަދަ ހާލަތެއްވެސް މެދުވެރިނުވާކަން ފާހަގަކުރައްވާފައެވެ.
އެއްވެސް އިރަކު ހުރިހާ ބޭހެއް ލިބެން ނުހުންނަކަމަށް ވަޒީރު ނާޒިމް ވިދާޅުވިއިރު ރައްޔިތުންގެ ޝަކުވާތަކުގެ ތެރޭގައި، ޕެނެޑޯލު ފަދަ އެންމެ އަސާސީ ބޭސްވެސް ލިބެން ނުހުންނަކަން ފާހަގަކޮށްފައިވެއެވެ.
ހަމައެހެންމެ ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންވާ މުހިއްމު ބޭސް ވެސް ބޭސް ފިހާރަތަކުން ލިބެން ނުހުންނަކަންވެސް ރައްޔިތުން ފާހަގަކުރެއެވެ. ހަމަ އެހެންމެ ކިރިޔާވެސް އަގުގެ ގޮތުން ބޮޑު ބޭހެއް ނަމަވެސް ޖެހެނީ އަމިއްލަ ޖީބުން ގިނަ ފަހަރު ގަންނަންކަން ވެސް އެ ރައްޔިތުން ފާހަގަކޮށްފައިވެއެވެ.









