ބޭސް ފަރުވާއަކީ އަސާސީ ހައްގެކެވެ. އެ ހައްގު އެންމެ އެކަށީގެންވާ ގޮތަށް ކަށަވަރު ކޮށްދިނުމަކީ އޭރެއްގައި އޮންނަ ސަރުކާރެއްގެ އެންމެ ބޮޑު އެއް ޒިންމާއެކެވެ. ދިވެހިރާއްޖޭގައި ބޭސް ސިޓީއަށް ސަލާން ޖެހުމާ ބޭސް ފަރުވާއަށްވެސް ސަލާން ޖެހުން ނިމުމަކަށް ގެންނަން ރައީސް އަބްދުﷲ ޔާމީން ހުސް ނުވާ އާސަންދަ ތައާރަފްކުރީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އެއަށް ފަހު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޭނުންވާ ބޭސް ފަރުވާގެ ތެރޭގައި ހިމެނޭ ބޭސް ލިބުމަށް އޮތް ހުރަސްވެސް ނެތިގެން ދިޔައެވެ. ހިތްހަމަ ޖެހިލައިގެން ގައުމުގައި ތިބެ ބޮޑެތި ބަލިތަކަށް ބޭސް ފަރުވާ ކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެން ދިޔައެވެ. ނަމަވެސް ރައީސް ޔާމީންގެ ފެހި ފަހި ފިޔާތޮށި ކުލައިގެ އެ ޒައާމަތު ފޭރިގަތް ވޯޓަކުން ނިމުމަކަށް ގެނައި ފަހުން ދެން އިވެންފެށީ އަނެއްކާވެސް ބޮޑެތި ބަލި ތަކަށް ކީއްކުރަން އެންމެ އާދައިގެ ބަލިތަކަށްވެސް ބޭސްފަރުވާ ނުލިބޭ ވާހަކައެކެވެ. އެންމެ އާދައިގެ ޕެނަޑޯލު ގުޅައިގެން ފެށިގެން ގޮސް ކީމޯތެރަޕީގެ އިންޖެކްޝަން ވެސް ނުލިބޭ ކަމުގެ ކަންބޮޑުވުން ރައްޔިތުން ދޫކޮށްލަނީ މީސް މީޑިޔާގެ އެކި ޕްލެޓު ފޯމުތަކުގައެވެ. ހިތާމައާ މާޔޫސްކަމަށް ތަސައްލީއެއް ރަސްމީ ފަރާތްތަކުގެ ކިބައިން ނުލިބުމުން ޝަކުވާ ކުރަން ދާނެ ތަނެއް ނެތި ޓަކި ޖަހާނެ ދޮރުތައް ހުސްވުމުންނެވެ.
ކަންކަން މިބީދައިން ހިނގަން ފަށާ ރައްޔިތުންނަށް ގެނެސްދޭން އެމްޑީޕީއިް އޭރު ބުނި އުފާވެރި އަމާން ރާއްޖެ ނާމާން މާޔޫސް ރާއްޖެއަކަށް ނުވުމުން ދެން ރައްޔިތުން ނެގީ އެމީހުންގެ އަތުގައި އޮތް އެންމެ ވަރުގަދަ ހަތިޔާރު، ވޯޓު ކަރުދާސްކޮޅެކެވެ. އެ ވޯޓު ކަރުދާސްކޮޅުތަކުން 2023 ގައި ބޮޑުތަނުން އެމްޑީޕީއަށް ރައްޔިތުން "ނޯ" ޖެހީ ގޯހުން، ވަރަށް ގޯހަށް ކަންކަން ގޮސް ރައްޔިތުންނަށް ގޮތްވެ ހުސްވެ އެކަންކަން ރަގަޅު ގޮތުގައި ކުރިއަށް ގެންދަން އެހެން ބަޔަކަށް ފުރުސަތު ދޭށެވެ. ދިވެހީންގެ ރާއްޖެއަކަށް އޮޑި މިސްރާބު ޖެހުވީ އުފާވެރި އަމާން ސާލެއް ގައުމުގައި ދެމުމުގެ އުއްމީދުގައެވެ. ނަމަވެސް އެ ދިވެހީންގެ ރާއްޖެ އަދި މާގޯހެވެ. ރައްޔިތުންނަށް ބޭނުންވާ ހަމަ އެއްކަމެއް ކޮށްނުދެނީއެވެ. ކޮށްދެންޏާ ކޮށްދެނީ ވެރިންގެ ޖީބު ބަރާވާ ގޮތަށެވެ. ރައްޔިތަކަށް އޭގައި ލިބޭ މަންފާއެއް ކުރާ ރާހަތެއް މަދު ފަހަރަކު ނޫނީ ނޯވެއެވެ.
އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު "ހިތުން މޮޅުވާން" ރައްޔިތުންނާ އެކު ބައްދަލުވުން ބާއްވާ ޑްރާމާ ކުޅެން އުޅުމުން މުޅިން ސޯޓު ބޭލި ނުފޯރާ ފޮތިން ފޫގެޅީމާ ވާހެން ވެއްޖެ ކަމަށް ރަށު ތެރޭގައި ކިޔާތި އަޑު އިވެއެވެ. އެހެނީ އެ ބައްދަލުވުންތަކުގައި މުޅިންހެން ވެސް އަމާޒުވީ ސަރުކާރަށް ނުުރުހުމާ ފާޑުކިޔުން ކަމުގައި ކަމަށްވެސް ބުނެ ކިޔާތި އަޑު އިވެއެވެ. ތުންތުން މަތިން ކިޔާ އުޅޭ ގޮތުގައި ރައްޔިތުން ތިބީ ސަަރުކާރު ދެކެ ވަރަށް "ނައްޓާފައެވެ' އެއީ މިއީ ދޮގު ހަދާ އިތުބާރެއް ނެތް ބޮޑެތި ކައްޒާބުންތަކެއް ތިބި ސަރުކާރަކަށްވުމުން ކަމަށްވެއެވެ.
ރައްޔިތުންގެ ބައްދަލުވުންތަކުން ބޯހިޔާވަހިކަމުގެ ޝަކުވާ ނަގާ ދެން އެންމެ ބޮޑަށް އޮތީ ބޭސްފަރުވާގެ ވާހަކައެކެވެ. "ޑަކްޓަރު" ބޭސް ސިޓީގައި ލިޔެދޭ ބޭސް މާފަންނުން ގޮސް ހެންވޭރާ ހަަމައަށް ދެވޭ އިރުވެސް ނުލިބޭ ވާހަކައެވެ. އެ ސިޓީ ހިފައިގެން ދުވެ ދުވެ ވަރުބަލިވެގެން ދެން އަަނބުރާ ދާއިރު ބޭސް ސިޓީ ލިޔެދިން "ޑަކުޓަރު" މީހާ ޑިއުޓީ ނިންމާފައި ގެއަށް ގޮސްނިމެއެވެ. ދެން ޖެހެނީ އަނެއްކާވެސް އެ ޑަކްޓަރު އަތު ޖެހެން ދެން ގޮތް ހުސްވެފައި ތިބެންށެވެ.
ބޭހުގެ ކަންކަން ހައްލުކުރުމުގެ ނަމުގައި އަނެއްކާވެސް ވެރިންގެ ފައިކޭޓުތަކަށް ބަރުކުރަން ކުންފުނިތައް ހެދި ނަމަވެސް، ބޭސް ނުލިބޭކަމުގެ ޝަކުވާ އިތުރުވުމުންދާއިރު މި ސަރުކާރުން ދިނީ އަދި މާ މޮޅު ޖަވާބެކެވެ. ސަރުކާރުގެ ސިއްހީ ވަޒީރު ބުނަނީ ކުރީ ސަރުކާރުތަކުގައިވެސް ބޭސް ލިބުމުގައި ދަތިކަން ހުރި ކަމަށެވެ. އެއްވެސް އިރަކު ބޭނުންވާ ހުރިހާ ބޭހެއް ލިބެން ނުހުންނަ ކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމު ވިދާޅުވުމުން ހަގީގަތުގައިވެސް ވަނީ ބޮޑު ޖޯކަކަށެވެ. އެހެނީ ކުރީ ސަރުކާރު ނުކިޔާނެ ކަމަށާ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގައި "ކުރި ސަރުކާރުތަކުގެ" ޓެގުގުއި ބަހަނާ ނުދައްކާނެ ކަމަށް ބުނެ، އައިސް ގެންދަނީ ހަމަ އެ ލަފުޒު ތަކުރާރުކޮށް ތިމާމެންގެ ނާގާބިލުކަން ފޫބައްދަން ޕެޗު އަޅަމުންނެވެ.
ނަމަވެސް ހަގީގަތަކީ މިއަދު ދިވެހިން ބޭހަށް ޖެހިފައިވާ މިންވަރަށް ދުވަހަކަށް ވެސް ބޭސްފަރުވާގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިނުވާ ކަމެވެ. މިއަދު ފާމަސީއަކަށް ބޭސް ސިޓީއެއް ހިފައިގެން ގޮސްފިނަމަ މަތީގައި އޮތް ބޭހެއް ނެތް، ތިރީގައި އޮތް ބޭހެއް ނެތް ބޭސް މަލަން ލިބިދާނެ އޭ ބުނާ އަޑު ނޫން އަޑެއް ނީވެއެވެ. ނަމަވެސް މިއި ދިވެހިންނަށް ހައްގު މިންވަރުބާއެވެ؟