ދަރިއަކު ލިބުމަށް ކުރި 17 އަހަރުގެ ދިގު އިންތިޒާރަށް ފަހު ލިބުނު ދަރިފުޅު މަރުވީ އެކަށީގެންވާ ފަރުވާ ނުދެވި ގއ އަތޮޅު ހޮސްޕިޓަލްގެ އިހުމާލުން ކަމަށް އާއިލާއިން ބުނެފިއެވެ.
އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ތުއްތު އެ އަންހެން ކުއްޖާ މަރުވީ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ދިނުން ލަސްކުރުމުންނެވެ.
އާއިލާއިން މީސްމީޑިއާގައި މައުލޫމާތު ހިއްސާކޮށްފައިވާ ގޮތުގައި ދުވަސް ނުފުރި އުޅެނިކޮށް ސިއްހީ މައްސަލަތައް ދިމާވުމާއި ގުޅިގެން އެންމެ ފުރަތަމަ ވެސް ލޭ ފައިބަން ފެށުމުން، އެ އަތޮޅު ދާންދޫ ސިއްހީ މަރުކަޒަށް ދެއްކި ކަމަށާއި އެތަނުން ލަފާ ދިނީ މާލެއަށް ދިޔުމަށް ކަމަށް އާއިލާއިން ބުންޏެވެ. އަދި މާލެ އައުމުން އެ މީހުންނަށް އެނގުނީ އެގޮތަށް ލޭފައިބަނީ، ރަހިމުގެ ދޮރާ ދިމާއިން ހުޅުވިފައި އިނުމުން ކަމަށެވެ. އެހެންވެ، އެ ތަން ފަހައި ފަރުވާ ކުރި ކަމަށް އާއިލާއިން ބުންޏެވެ.
ފަރުވާއަށް ފަހު ރަށަށް އެނބުރި އައިސް މި މަހުގެ ހަތްވަނަ ދުވަހު އިތުރަށް ހާލަތު ގޯސްވުމުން ގއ ވިލިނގިލި ހޮސްޕިޓަލަށް ދެއްކި ކަމަށާއި ހޮސްޕިޓަލުގައި އޮތް ދުވަސްތަކުގައި ވެސް މާބޮޑު ފަރުވާއެއް ނުދެވޭ ކަމަށާއި އެހެންވެ، ހާލަތު ގޯސްވުމުގެ ކުރިން މާލެއަށް ފޮނުވުމަށް އެދުނު ކަމަށެވެ. އެކަމަކު މަންމަ އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެ މާލެ ފޮނުވުމަށް ހޮސްޕިޓަލުން ދެކޮޅު ހެދި ކަމަށް ބުންޏެވެ.
އެ ވޭނުގައި އުޅެމުން ންހެން މީހާ ވިހެއި އިރު ގަނޑުގަނޑަށް ހުރި ލޭ ވަރަށް ގިނައިން އައި ކަމަށާއި އެހެންވެ، ދަރިފުޅުގެ ހާލަތު ގޯސްވެދާނެތީ ޑޮކްޓަރަށް ގުޅި ކަމަށެވެ. އެކަމަކު އެ ކަމާ ވެސް ޑޮކްޓަރު ހިތްހަމަ ނުޖެހުނު ކަމަށް ބުންޏެވެ.
ވިހޭތާ މާގިނަ އިރެއް ނުވެ ތުއްތު ކުއްޖާ ވަނީ މަރުވެފަ އެވެ.
އޭނާ ބުނީ މި މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. ދޭނެ ފަރުވާއެއް ނެތްކަން އެގި ހުރެ ގަސްތުގައި ހޮސްޕިޓަލުގައި އެހާ ގިނަ ދުވަހު ބޭއްވީ ހިސްޕިޓަލުގެ ފަރުވާ ކުޑަކަމާއި ޒިންމާދާރު ކުޑަކަމުން ކަމަށް އާއިލާއިން ބުނެފައިވެއެވެ.
ގއ ވިލިނގިލި ހޮސްޕިޓަލްގެ މިފަދަ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ނަމަވެސް މިކަމަށް އެދެވޭ ހައްލެއް މިހާތަނަށް ރައްޔިތުންނަށް ލިބިފައިނުވެއެވެ.