މިދިޔަ ސަރުކާރުން ގޯތި ދޫކޮށްފައިވާ ހުޅުމާލެ ފޭސް ތިނެއްގެ ސަރަހައްދު ހިއްކުމުގެ މަސައްކަތުގެ ތެރެއިން ހުޅުމާލެ ފަޅު ތެރޭ އޮތް ބާޖަކާއެކު ހިއްކާފައިވާކަން އާންމުވެފައިވާ ފޮޓޯތަކުން ހާމަވެއްޖެއެވެ.
ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ކުރުން މެދުކަނޑާލުމަށްފަހު އަނެއްކާވެސް އެ ސަރަހައްދު ހިއްކަން ފަށާފައިވަނީ މިދިޔަ މަހު އެއާޕޯޓު ކުންފުނި (އެމްއޭސީއެލް) އާ ހަވާލުކޮށްގެންނެވެ.
ހިއްކާފައިވާ ސަރަހައްދު ދައްކައިދޭ ފޮޓޯތަކެއް އެމްއޭސީއެލުން ވަނީ ހޮނިހިރު ދުވަހު އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ފޭސް ތިނަކުން މިހާތަނަށް ހިއްކާފައިވާ ސަރަހައްދުގައި، ކުރިން ހުޅުމާލެ ފަޅު ތެރޭ އޮތް ބާޖެއް އެއްގަންވެފައި އެބައޮތެވެ. ދަބަރުޖަހައި ބައުވެފައި އޮތް އެ ބާޖު އެ ތަނުން ނަގަނީ ކިހިނެތްތޯ ބެލުމަށް އެމްއޭސީއެލްގެ ބަހެއް ހޯދުމަށް އޮންލައިން ނޫހަކުން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ޖަޥާބެއް ލިބިފައިނުވާކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
ސެޓްލައިޓު ފޮޓޯތަކުން ފެންނަ ގޮތުގައި މި ބާޖު މީގެ ކުރިން އޮތީ ފޭސް ތިނަކުން މީގެ އަހަރެއްހާ ދުވަސް ކުރިން ހިއްކި ސަރަހައްދަށް ގާތްކޮށްފަ އެވެ. އެއީ ކޮން ބައެއްގެ ބާޖެއް ކަމެއް ނޭނގެ އެވެ.
ހުޅުމާލެ ފޭސް ތިނެއް މިދިޔަ އަހަރުގެ ޖުލައި މަހަށް ހިއްކާ ނިންމާނެކަމަށްވ ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެކަން ވަނީ ކާމިޔާބުނުވެފައެވެ. އެހެންކަމުން މިހާރު އެމަނިކުފާނު ވަނީ މިއަހަރުގެ ޖެނުއަރީ 20 ގެ ކުރިން ހިއްކާ ނިންމާނެކަމަށް ބުނެފައެވެ.