
ރާއްޖޭގައި ނުރައްކާ މިންވަރަކަށް އަދިވެސް ވައި ނުސާފު ކަމަށާ އިންޑިއާއިން އަންނަ ދުން ފުހުގެ އަސަރު އަދިވެސް ހުންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން ހާމަކޮށްފިއެވެ.
ރާއްޖެއަށް ދުރު ފެންނަ މިންވަރު މި ދުވަސްވަރު ވަރަށް ބޮޑަށް ދަށްވެފައިވާއިރު އެކަމުގެ އެންމެ ފަހުގެ މައުލުމާތު ހިއްސާ ކުރަމުން މެޓު އޮފީހުން ބުނެފައިވަނީ ދުންފުހުގެ އަސަރު މެދު ރާއްޖެތެރެއަށް އެންމެ ބޮޑަށް ކުރި ނަމަވެސް މިހާރު މަޑު މަޑުން އެ ސަރަހައްދުގެ ވައި ސާފުވަމުންދާ ކަމަށް ވެސް މެޓުން ހާމަކޮށްފައިވެއެވެ.
މިހާރު ކުރަމުން ދަނީ މޫސުމީ ދުންފުހުގެ އަސަރު ކަމަށާ އޭގެ އަސަރުވެސް އަދިވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހުންނާނެ ކަމަށާ އެކި ދުވަސްތަކުގައި އިންޓެސިވިޓީ ދަށްވި ނަމަވެސް އިރުވައި މޫސުން ފެށި، އިރުއުތުރުން ވައި ޖެހޭކަމުގައި ވަނީނަމަ އިންޑިއާ ބައްރުގެ މަިން އަންނަ ދުފުހުގެ އަސަރު އަދިވެސް ރާއްޖޭގެ ސަރަހއްދަށް އަންނާނެ ކަމަށް ވެސް މެޓުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ އެއާ ކޮލިޓީ ދަސްވެ ފުރާނައަށް ނުރައްކާ މިންވަރަށް އޮތްއިރު ކުޅިވަރާ ކަސްރަތަށް ނުނިކުތުމަށް އިލްތިމާސްކޮށްފައިވެސް ވެއެވެ.
ރާއްޖޭގެ 4 ސަރަޙައްދަކަށް ނުރައްކާވާ މިންވަރަށް ވައި ނުސާފެވެ. ކ.ވިލިނގިލި، ދ.ކުޑަހުވަދޫ، ލ.ގަން އަދި ފުވައްމުލައް ސިޓީއިން ނަގާފައިވާ މަޢުލޫމާތަށް ބަލާއިރު ވައިގެ ނުސާފުކަން ހުރީ، ނުރައްކާވާ މިންގަނޑެއްގައެވެ. އެއީ، 157 އާއި 167 އާ ދެމެދުގައެވެ.
އިއްޔެ އަށްވުރެ މިއަދު ދުރު ފެންނަ މިންވަރު އިތުރުވެފައިވާއިރު އިއްޔެ ދުރު ފެންނަ މިންވަރު 1.5 ކިލޯމީޓަރުގައި ހުރި ނަމަވެސް މިއަދު ދުރު ފެންނަ މިންވަރު ވަނީ 3 ކިލޯމީޓަރަށް އިތުރެވެފައެވެ.










