ކޮވިޑް-19ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލާގައި ބަދަލުލިބުމަކީ ނާދިރުކަމެއްކަމަށް އެޓާރނީ ޖެނެރަލް އަލއުސްތާޛު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާގައި ރާއްޖެ އިން ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ކުރީ ސަރުކާރުން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލައިގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ރާއްޖެއަށް ލިބެން ޖެހޭ ފައިސާގެ އަދަދަކީ 32 މިލިއަން ރުފިޔާއެވެ.
ވެންޓިލޭޓަރަށް އެޑްވާންސް ފައިސާ ދެއްކި ނަަމަވެސް ވެންޓިލޭޓަރެއް ނުލިބުނެވެ. އަދި އެ ފައިސާ ހޯދޭނެ ގޮތެއް ވެސް ނުވި އެވެ. އެ ކުންފުންޏަށް ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރުމުގައި ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.
ކުރީ ސަރުކާރުން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅި އެވެ. އަދި ދިވެހި ސަރުކާރާ އެއްކޮޅަށް މިދިޔަ މަހު އެ މައްސަލަ ވަނީ ނިމިފަ އެވެ.
އެކަމާ ގުޅިގެން މިއަދު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އެ ކުންފުންޏަކީ ދުބާއީގެ ކުންފުންޏަކަށް ވީތީވެ، އެފައިސާ ހޯދަން މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން ދަނީ ދުބާއީގެ ކޯޓަކަށް ކަމަށެވެ.
ފައިސާ ހޯދާނެ ގޮތަކާމެދު އުޝާމް ވިދާޅުވީ، އާބިޓްރޭޝަން ކުރިއަށް ދިޔައިރު، ވެސް އެކުންފުނި ވީ ތަން ނޭނގޭ ކަމަށާއި އެއްވެސް ބަޔާނެއް ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.
ވެންޓިލޭޓަރުތައް ނުލިބުނު ތަނުގައި އާބިޓްރޭޝަނަށް ހުށަހަޅައިގެން ވެސް ދައުލަތުން ބޮޑެތި ހަރަދުތަކެއް ހިނގާފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ. އުޝާމް ވިދާޅުވީ މިހާތަނަށް މި މައްސަލައިގައި ކަންތައް ހިނގާފައިވާ ގޮތަށް ބަލާއި ބަދަލު ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އެހެން ނަމަވެސް ފައިސާ ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.