

މީޑިއާތައް ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މައްސަލައިގައި، ހަގީގަތް އޮޅުވައިލައްވާތީ ނޫސްވެރިން ބައްދަލުވުން ބޮއިކޮޓުކުރުމަށް ފަހު ނުކުމެއްޖެއެވެ.
މިއަދު ހަވިރު 3:30ގައި ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އޭޖީ ވަނީ ވަރަށް ބޮޑަށް ބިލު ދިފާއު ކުރައްވާ ވާހަކަ ދައްކަވާފައެވެ. ބިލު ދިރާސާކުރަން ސަރުކާރުން ކުރިއަށް ގެންދާކަމަށް ވިދާޅުވި ނަމަވެސް ބިލުގައި ހުރި ރަގަޅުކަންކަން ވެސް އޭޖީއަށް ވިދާޅުނުވެވުނެވެ. އޭޖީގެ ވާހަކަތަކުން މި ބިލަކީ ސީދާ ސަރުކާރު އަޑިގައި އޮވެ ހުށަހެޅި ބިލެއްކަން ފަހުވާނެ ފަދަ ގޮތަށް ނޫސްވެރިންގެ ބައްދަލުވުމުގައި ކަންކަން ހިނގާދިޔައެވެ.
ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭޖީގެ ނެރޭޝަން ނެރުވާ ގެންދެވީ ބިލާ އެއްކޮޅަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވަމުންނެވެ. އެކަމާ ހިތް ހަމަ ނުޖެހިގެން ނޫސްވެރިންތަކެއް ވަނީ މާލަމް ދޫކޮށް ނުކުމެފައެވެ. ސަރުކާރުން ބޭނުންވާހާ ގޮތަށް ނޭރޭޝަން ދޭން ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.
އުޝާމް ވިދާޅުވީ، ބަންޑާރަނައިބުގެ އޮފީހަށް 2022ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މީޑިއާ ކައުންސިލުން ފޮނުވާފައި އޮތް ބިލެއްގެ ޑްރާފްޓެއް އެބައޮތް ކަމަށާއި، އެ ބިލާއި މިހާރު ހުށަހަޅާފައި އޮތް ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.
ނަމަވެސް މި ޑްރާފްޓްގައި ހުރި އެއްޗެއް ނޭނގޭ ކަމަށާއި، މިއީ ހަގީގަތެއް ނޫން ކަމަށް، އެ ބައްދަލުވުމުގައި ތިބި ނޫސްވެރިން ދިޔައީ ބުނަމުންނެވެ.