

މިނިވަން މީޑިއާ ނެތިކޮށްލާ ބިލަށް ބަންޑާރަނައިބުގެ އޮފީހުން ގިނަ އިސްލާހުތަކެއް ހުށަހަޅައިފައިވާކަން ހާމަކޮށްފިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އެ އޮފީހުން 13 އިސްލާހެއް ހުށަހަޅާފައިވާނެ ކަމަށެވެ. އެ އިސްލާހުތައް ބުދަ ދުވަހު ހުށަހަޅާފައިވާކަން ހާމަކޮށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވާ ގޮތުގައި، އެންމެ ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް ބިލުގައި އޮތް މާއްދާ އުނި ކުރުމަށާއި އެ ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގެ މެންބަރުން ވަކި ކުރުމުގެ ބާރު، އެ މެންބަރުން އައްޔަނުކުރާ ބަޔަކަށް ދިނުން ކަމަށެވެ.
މީފެ އިތުރުން އެ ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން ވަގުތީ ގޮތުން މީޑިއާއެއްގެ ލައިސެންސް ބާތިލު ކުރުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތް މާއްދާ އުނި ކުރުމަށާއި ކޮމިޝަނުގެ ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭގޮތަށް އޮތް މާއްދާތައް ބަދަލު ކުރަން ބަންޑާރަނައިބުގެ އޮފީހުން ވަނީ އިސްލާހު ހުށަހަޅައިފައެވެ.
ހަމައެހެންމެ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގެ މެންބަރަކަށް ނުވެވޭ ގޮތް ހެދުމާއި ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި ގައުމީ ސަލާމަތާއި އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފުސީލު ކޮށްދިނުން ބަންޑާރަނައިބުގެ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.
އެ ކަންކަމުގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އިތުރުކުރުމާއި މީޑިއާގެ ސުލޫކީ ހަމަތައް ހަރުކަށި ކުރުމާއި ތެދު ހާމަ ކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރު ކުރުން އަދި މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް މާއްދާއެއް އިތުރު ކުރުމެވެ. އަދި ކޮމިޝަނުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮމިޝަނުގެ ލަފައާއެކު ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށ މާއްދާއެއް ހިމެނުމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ވަނީ ހުށަހަޅައިފައެވެ.
ނޫސް ބަޔާން: މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވާ އިޞްލާޙުތަކާގުޅޭ
— AG Office Maldives (@AGOmv) September 10, 2025
ލިންކް: https://t.co/vLxCnIbdqw pic.twitter.com/ENnICJOmfE
ހުށަހެޅި 13 އިސްލާހުގެ އިތުރުން އިތުރަށް އެއ އިސްލާހު ފަހުން ހަނދާން ވެގެން ވެސް ބަންޑަރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާކަން އެ އޮފީހުން ހާމަކޮށްފައިވެއެވެ.