

މިހާތަނަށް އެކި ވެރިކަންތަކުގައި ހިންގާފައިވާ ބޮޑެތި ޚިޔާނާތާ ގުޅުން ހުރި ގިނަ ބަޔަކު ތިބީ މި ސަރުކާރުގެ ނިވަލުގައި ކަމަށާ ނަމަވެސް މި ސަރުކާރުން އުޅެނީ ރައީސް އަބްދުﷲ ޔާމީން ޖަލަށް ނުލެވިގެން ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އައްބާސް ވިދާޅުވެފައިވަނީ، އެމްއެމްޕީއާރްސީއިން ވައްކަން ކުރި ބޮޑެތި ވަގުންތައް ތިބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ކަމަށާ ފެނަކަ ވައްކަން ކުރި ވަގުންތައް ވެސް ތިބީ ހަމަ މި ސަރުކާރު ތެރޭގައި ކަމަށެވެ. ހަމައެހެންމެ ވެންޓިލޭޓަރު ވައްކަން ކުރި ވަގުންތައް ވެސް ތިބީ ހަމަ މިސަރުކާރުގެ ނިވަލުގައި ކަން ފާހަގަކުރައްވާ އައްބާސް ވިދާޅުވީ ނަމަވެސް ފެންނަމުން ދަނީ ކުރީ ސަރުކާރަކުތަކުން ވައްކަން ކުރީއޭ ކިޔާ ރައްޔިތުންނަށް ހަޤީގަތް އޮޅުވާލުމަށް ފަހު، ރައީސް ޔާމީން ޖަލަށް ނުލެވިގެން ލޮލަށް ނިދި ނައިސްގެން މި ސަރުކާރުގެ ވެރިން އުޅޭ މަންޒަރު ކަމަށެވެ.
އެމް.އެމް.ޕީ.އާރް.ސީން ވައްކަން ކުރި ބޮޑެތި ވަގުންތަށް ތިބީ ރައީސް ޑރ.މުއިއްޒު ގެ ސަރުކާރު ގެ ތެރޭގައި..ފެނަކަ ވައްކަން ކުރި ވަގުންތަށްވެސް ތިބީ މިސަރުކާރު ތެރޭގައި..ވެންޓިލޭޓަރު ވައްކަން ކުރި ވަގުންތަށްވެސް ތިބީ ހަމަ މިސަރުކާރުގެ ނިވަލުގައި...ކުރީ ސަރުކާރަކުތަކުން ވައްކަން…
— Mohamed Abbas (@Abbasvelidhoo) September 26, 2025
އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު ދާދި ފަހުން މީސް މީޑިޔާގައި ސައުރުވާން ފެށި، އަދިބު ފައިލްސްއިން ހާމަވެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން "ހަދިޔާ" އާ "ޓޮޕް" ފަދަ ދީލަތި އެހީ ލިބިފައިވާ މީހުންގެ ތެރޭގައި އަދުގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނާ ޕީއެންސީގެ މަޖިލިސް މެމްބަރުން ވެސް ހިމެނެއެވެ. ނަމަވެސް އެ ފައިލުގެ އެއްވެސް ހިސާބަކުން ރައީސް ޔާމީން އަދީބުއާ ކުރި މުއާމަލާތެއް ފެންނަން ނެތްކަން ފާހަގަކޮށްލެވެއެވެ.
ހަމަ އެހެންމެ ކުރީ ސަރުކާރުގައި ފެނަކައިން 2.2 ބިލިއަންގެ ޚިޔާނާތެއް ހިންގާ ދައުލަތުގެ އެންމެ ބޮޑު ޚިޔާނާތުގެ ރެކޯޑު މުގުރާލާފައިވާއިރު، އެ ޚިޔާނާތުގެ ފައިސާއިން ރައީސް ޑރ މުއިއްޒުގެ ކެމްޕެއިނަށް ޚަރަދުކުރިކަން ވެސް ހާމަވެފައިވެއެވެ.