theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ތޭރަ އޮންލައިން
ހަބަރު
ގައުމީ ރައުސްމާލުތައް ބޭރުގެ އަތްމައްޗަށް ދޫކޮށްލުމަކީ ނުރައްކާތެރި ފެށުމެއް!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
11 ޖެނުއަރީ 2026
މާލެ ސިޓީ

ދިވެހިރާއްޖޭގެ އުތުރުގެ އިގްތިސާދީ މައި ހަބު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާއި ބެލެހެއްޓުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމި ނިންމުމަކީ، ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެކެވެ. "އިންޑިއާ އައުޓް" ގެ ޝިއާރުގެ ދަށުން ވެރިކަމަށް އައި ސަރުކާރަކުން، ގައުމުގެ އެންމެ އަގުބޮޑު ރައުސްމާލުތައް ބޭރުގެ ބާރުތަކުގެ އަތްމައްޗަށް ދޫކޮށްލުމަކީ އިއާދަނުކުރެވޭނެ ފަދަ ބޮޑު ޚިޔާނާތެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

މިފަދަ ނިންމުންތަކުގެ ނުރައްކާތެރިކަން ދިވެހިން ވަނީ މީގެ ކުރިން ތަޖުރިބާކޮށްފައެވެ. ކުރީގެ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ މައި ދޮރާށި، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވިއްކާލުމުން، ދިވެހިންގެ އަމިއްލަ އެއާޕޯޓަށް ދިވެހިން ބޭނުންވާ ގޮތަށް އަތްނުލެވޭ ފަދަ ހާލަތަކަށް ގައުމު ދިޔައެވެ. ނަމަވެސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، ބޭރުގެ އެތައް ފިއްތުންތަކަކާ ކުރިމަތިލައްވައިގެން ވެސް، އެ އެއާޕޯޓް އަނބުރާ ދިވެހި ރައްޔިތުންނަށް ހޯއްދަވައިދެއްވީ ގައުމީ ރައުސްމާލު ބޭރުގެ އަތްމަތީގައި އޮތުމުގެ ނުރައްކާތެރިކަން ދެނެވަޑައިގަންނަވާތީއެވެ. މިއަދު ރައީސް މުޢިއްޒުގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓާމެދު މި ނިންމި ނިންމުމަކީ، ރައީސް ޔާމީން ކުރެއްވި ގައުމީ ޖިހާދަށް ފުރަގަސްދީ، އަނެއްކާވެސް ގައުމު އަޅުވެތިކަމުގެ މަގަށް ހުށަހެޅުން ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، ބޮޑެތި ބާރުތަކުން ކުދި ގައުމުތަކުގެ އިގްތިސާދީ ވަސީލަތްތަކަށް އަތްގަދަކުރުމަށްފަހު، އެ ގައުމުތަކުގެ ސިޔާސީ މިނިވަންކަން ނަގާލާ މަންޒަރު ދަނީ ފެންނަމުންނެވެ. އެމެރިކާއިން ވެނެޒުއޭލާއަށް ހަދަމުންދާ ގޮތާއި، އެ ގައުމުގެ ވަސީލަތްތަކުގެ މައްޗަށް ބާރުފޯރުވައިގެން ސަރުކާރު ކޮންޓްރޯލް ކުރާ އުސޫލަކީ މިއަދު ދިވެހިންނަށް އޮތް ބޮޑު އިންޒާރެކެވެ. ރާއްޖޭގެ މުހިންމު ސަރަހައްދުތަކާއި އެއާޕޯޓްތަކުގެ ފުރިހަމަ ކޮންޓްރޯލް އިންޑިއާއަށް ދެމުންދާ ނަމަ، ލަސްތަކެއް ނުވެ އިންޑިއާ ސަރުކާރުގެ ނުފޫޒުގެ ދަށަށް މުޅި ދިވެހި ސަރުކާރު ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، މިފަދަ ބޮޑެތި އިގްތިސާދީ ދޮރުތައް ހުޅުވާލުމުން، ރައީސް މުޢިއްޒު "ސިޔާސީ ގޮތުން ރަހީނުކޮށް"، ދިވެހި ސަރުކާރުގެ ހިންގުން އިންޑިއާގެ ޑިޕްލޮމެޓުންގެ އަތްމައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ.

ރައީސް މުޢިއްޒާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އަދި މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ހިމެނޭ މި ސަރުކާރުން، އިންޑިއާ ސިފައިން ބޭލުމުގެ ނަމުގައި ވެރިކަމަށް އައިސް، މިއަދު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ސިފައިން ބޭލުމުގެ ބަދަލުގައި، ގައުމުގެ މުހިންމު ސްޓްރެޓީޖިކް ސަރަހައްދުތައް އިންޑިއާގެ ކުންފުނިތަކާ ހަވާލުކުރުމަކީ "ފަރުދާގެ ފުރަގަހުގައި" ހިންގޭ ނުރައްކާތެރި މުއާމަލާތެއްގެ ގޮތުގައި ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ހަނިމާދޫ އެއާޕޯޓަކީ ހަމައެކަނި ދަތުރުފަތުރުގެ މަރުކަޒެއް ނޫނެވެ. އެއީ ރާއްޖޭގެ އުތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ތަނެކެވެ. އެފަދަ ތަނެއްގެ ހިންގުން ބޭރުގެ ބާރަކާ ހަވާލުކުރުމަކީ، ގައުމުގެ ތަޅުދަނޑި ބޭރު ބައެއްގެ އަތަށް ދިނުން ފަދަ ކަމެކެވެ. މިކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް އޭގެ ނޭދެވޭ އަސަރު ފޯރައި، ދިވެހި ގައުމުގެ މިނިވަންކަން ބީވެގެން ހިނގައިދާނެ ކަމުގެ ބިރު މިއަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ސަރުކާރުން މިކަމުގައި ހަގީގީ މަގުސަދު ހާމަނުކޮށް، "ތަރައްގީގެ" ނަމުގައި ހިންގާ މިފަދަ މަޝްރޫއުތަކަކީ ގައުމު އަޅުވެތިކަމުގެ މަގަށް ގެންދާ ފުރަތަމަ ފިޔަވަޅު ކަމަށް ސިޔާސީ މުހައްލިލުން އިއްތިފާގުވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved