އެމެރިކާގެ އަސްކަރީ ސާމާނު އުފައްދާ އަދި އެ ދާއިރާއާ ގުޅުންހުރި 20 ކުންފުންޏަކަށް ދަތިކުރުމުގެ ފިޔަވަޅު ޗައިނާއިން އަޅައިފިއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާއިން އިއުލާނުކުރި ގޮތުގައި، ޗައިނާއިން މި ފިޔަވަޅު އަޅާފައިވަނީ ޓައިވާނަށް އެމެރިކާއިން ހަތިޔާރު ވިއްކުމާއި، ޗައިނާގެ ސިޔާދަތަށް އުނިކަންލިބޭ ފަދަ އަމަލުތައް އެމެރިކާއިން ކުރަމުންދާ ކަމަށް ބުނެއެވެ.
މި ފިޔަވަޅުތަކުގެ ދަށުން، ލިސްޓު ކުރެވިފައިވާ ކުންފުނިތަކުގެ މިލްކިއްޔާތުގައި ޗައިނާގައި ހުރި އެންމެހައި މުދަލާއި ފައިސާ ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން، އެ ކުންފުނިތަކުގެ އިސްވެރިން ޗައިނާއަށް އެތެރެވުން މަނާކޮށް، ޗައިނާގެ އެއްވެސް އިދާރާއަކުން ނުވަތަ ފަރުދަކު އެ ކުންފުނިތަކާއެކު މުއާމަލާތް ކުރުންވެސް ވަނީ މަނާކޮށްފައެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާއިން ތަކުރާރުކޮށް ޓައިވާނަށް ހަތިޔާރު ފޯރުކޮށްދެމުންދަނީ "ވަން ޗައިނާ" ސިޔާސަތާ ޚިލާފަށް ކަމަށެވެ. އަދި މިއީ ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ އިތުރުން، އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ފިޔަވަޅު އެޅި ކުންފުނިތަކުގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ޑިފެންސް ކުންފުނިތައް ހިމެނެއެވެ. މިއީ ފަހަކަށް އައިސް ޗައިނާ އާއި އެމެރިކާއާ ދެމެދު އޮތް ވިޔަފާރީގެ އަދި ސިޔާސީ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި އެޅި ވަރުގަދަ ފިޔަވަޅެކެވެ.
އެމެރިކާއިން ޓައިވާނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިނުގަތް ކަމަށް ބުނި ނަމަވެސް، ޓައިވާނުގެ ދިފާއަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުމަކީ ވޮޝިންޓަނުން ގެންގުޅޭ ސިޔާސަތެކެވެ. ނަމަވެސް ޗައިނާއިން އަބަދުވެސް ދެކެނީ ޓައިވާނަކީ އެ ގައުމުގެ ބައެއްގެ ގޮތުގައެވެ.
މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުމަށް އިތުރު ބުރޫތަކެއް އަރާނެ ކަމަށް މާހިރުން ލަފާކުރެއެވެ.