
މެދުއިރުމަތީގައި އެމެރިކާއާއި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކަށް މިހާރު ތިން ހަފްތާވެފައިވާއިރު އެ މީހުން ހަމަލާ އަމާޒުކޮށްފައިވާ އީރާނާއި ލުބުނާން ހިމެނޭ ގޮތަށް މެދުއިރުމަތީގެ ގައުމުތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޗައިނާއިން ބުނެފިއެވެ.
އެމެރިކާ އާއި އިސްރާއީލަށް ދޭ ހަމަލާތައް ހުއްޓާލުމަށް އެ ގައުމުން އިލްތިމާސްކޮށްފައިވާއިރު، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފް ގައުމުތަކަށް އީރާނުން ދެމުން އަންނަ ހަމަލާތަކަށް ވެސް އެ ގައުމުން ވަނީ ފާޑުކިޔާފައެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވީ މި ހަނގުރާމައިގެ ސަބަބުން އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކަށް "ބޮޑެތި އިންސާނީ ކާރިސާތަކެއް" ކުރިމަތިވެފައިވާ ކަމަށެވެ.
ޗައިނާއިން ވަނީ ހަނގުރާމަ ހުއްޓުމުގެ މެދުވެރިއެއްގެ މަސައްކަތްކޮށް، މެދުއިރުމައްޗަށް ކަނޑައަޅުއްވާފައިވާ އެގައުމުގެ ހާއްސަ މަންދޫބު ޒައި ޖޫންއާ އެކު ހަނގުރާމައިގެ ބާރު ކުޑަކުރުމަށް އިލްތިމާސްކޮށްފައެވެ.










