
ޗައިނާގެ ޒަމާނީ ސެޓްލައިޓްތަކުން ފޯރުކޮށްދޭ "ރިއަލް ޓައިމް" އިންޓެލިޖެންސް މައުލޫމާތުގެ އެހީގައި، އިރާނުން ފޮނުވާލާ މިސައިލްތައް ސީދާ އަމާޒަށް ވާސިލްވަމުންދާކަން ހާމަވެއްޖެއެވެ. މި އެހީތެރިކަމާއެކު އިރާނުން ދަނީ އިޒްރޭލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ އަދި ކާމިޔާބު ހަމަލާތަކެއް އަމާޒުކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން، އިރާނުގެ އަސްކަރީ ގާބިލްކަން އިތުރުވެފައިވަނީ ޗައިނާގެ ސެޓްލައިޓް ނެޓްވޯކްތަކުން ލިބޭ ސައްހަ މައުލޫމާތުގެ ސަބަބުންނެވެ. މީގެ ސަބަބުން، އިޒްރޭލާއި އެމެރިކާއިން ގުޅިގެން އިރާނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާންތަކަށް ރައްދުދިނުމުގައި އިރާނަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.
އިޒްރޭލާއި އެމެރިކާއިން މެދުއިރުމަތީގައި ހިންގަމުންދާ އުދުވާނަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގާ އުދުވާންތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. މި ހަނގުރާމައިގައި ޗައިނާއިން އިރާނަށް ދެމުންދާ އެހީތެރިކަމަކީ، އެމެރިކާ އާއި އިޒްރޭލުގެ ނުފޫޒު ކުޑަކޮށް، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ލިބޭ ބާރެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޗައިނާގެ ސެޓްލައިޓް މަދަދާއެކު އިރާނުން އަމާޒުކުރާ މިސައިލްތަކުގެ ސަބަބުން، އިޒްރޭލާއި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، އުދުވާނީ ބާރުތަކާ ދެކޮޅަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އިރާނުން ދެކެއެވެ.
މި މައްސަލައިގައި އެމެރިކާއާއި އިޒްރޭލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، އިރާނުން ބުނަމުންދަނީ މިއީ އެގައުމުގެ ދިފާއުގައި އަދި އިސްލާމީ އުންމަތުގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް ކަމަށެވެ. ޗައިނާ އާއި އިރާނުގެ މި އެއްބާރުލުމަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ބެލެވެއެވެ.
ޗައިނާއަކީ މިފަދަ ހަނގުރާމަތަކުގައި މުސްލިމުންގެ ދިފާއުގައި މުސްލިމް ގައުމުތަކަށް އެހީތެރިކަން އެކި ގޮތްގޮތުން ފޯރުކޮށްދީ، ބަސް ބުނާ ގައުމެއްކަން ފާހަގަކުރެވެއެވެ. މިގޮތުން، އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށްވެސް ހިންގަމުންދާ ލާއިންސާނީ ހަނގުރާމައިގައި ޗައިނާއިން ވަނީ އެކި ފަހަރުމަތިން ފަލަސްތީނުގެ ރައްޔިތުންނަށް ޒަރޫރީ ބޭނުންތައް ދުއްދުމަށް އެހީ ފޯރުކޮށްދީފައެވެ.










