މިއަދު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވީ ބޮޑު ސްކޭމަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ މި އަހަރުގެ ބަޖެޓަށް ވީ ގޮތް އެނގޭ އެކަކު ވެސް ނެތް ކަމަށެވެ.
ރައްޔިތުންގެ ފައިސާ އިން މި ސަރުކާރު ކުރާ ކަމެއް އެނގޭ މީހަކު ނެތް ކަމަށާ ގައުމު ބަނގުރޫޓު ވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވި އެވެ.
"މިއަދުގެ ރާއްޖޭގެ ރައީސްކަމުގައި މި ހުންނެވީ ބޮޑު ސްކޭމަރެއް. މޯނޯރެއިލްއިން ފެށިގެން، އަންޑަ ވޯޓާ ޓަނަލުން ފެށިގެން، މާލޭގެ ޕާކިން ސްލޮޓްތަކުން ފެށިގެން މީނާ ހާދާފައި އޮތީ ހުސް ސްކޭމް. މިއީ ސްކޭމް ސަރުކާރެއްގެ ސްކޭމް ރައީސުލްޖުމްހޫރިއްޔާއެއް. މީނާ އިސްތިއުފާ ދެއްވަން އެބަޖެހޭ،" މީކައިލް ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ގައުމު ޑިފޯލްޓަކަށް ދާއިރު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މިފަދަ ބަޖެޓަކަށް ވޯޓު ދިނީ ކީއްވެތޯ ރައްޔިތުން ފަހުން ސުވާލު ކުރާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ޖަވާބުދާރީ ވުމަށްޓަކައި ވެސް މި ބަޖެޓަށް ވޯޓު ދޭން ނުޖެހޭ ކަމަށް މީކާއިލް ވަނީ ވިދާޅުވެފަ އެވެ.