theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / މަޖިލިސް
ސިޔާސީ
ބަޖެޓު އެންމެ ބޮޑީ އަސްކަރީ ދާއިރާއަށް، ހަނގުރާމައަކަށް ތައްޔާރުވާނަމަ އެކަން ބުނެދޭން ޖެހޭ: މީކާއިލް
Yana Shareef
ޔާނާ ޝަރީފް
12 ނޮވެމްބަރު 2025

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ކުޅިވަރާއި އަސްކަރީ ދާއިރާއަށް ކަމަށާއި ދިވެހިރާއްޖެ ހަނގުރާމައަކަށް ތައްޔާރުވަމުން ދާނަމަ އެކަން ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ މި ބަޖެޓަކީ ސިއްހަތަށް އިސްކަންދޭ ބަޖެޓެއްކަމަށް ޕީއެންސީ މެމްބަރުން ވިދާޅުވަމުން ދާ ކަމަށާއި އެހެންނަމަވެސް ބަޖެޓުން އެކަން ނުފެންނަ ކަމަށެވެ.

ރާއްޖެއަކީ އަސްކަރީ ގައުމެއްގެ ގޮތުގައި ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒު ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް މީކާއީލް ވިދާޅުވި އެވެ. އެގޮތުން ކޮންޓިންޖެންސީ ބަޖެޓުން 500 މިލިއަން ރުފިޔާއަށް ޑްރޯން ގަތުމާއި މާލެ ސިޓީގެ މަގުތަކަށް ނުކަތާ ވަރުގެ ޓޭންކަރުތައް ގަތުން ފަދަ ކަންކަމުން އެކަން ހާމަވާ ކަމަށް މީކާއީލް ވިދާޅުވި އެވެ.

ރާއްޖެއަކީ ހަނގުރާމަ މަތީ ގައުމެއް ނޫން ކަމަށާއި ބައިނަލްއަގްވާމީ ދުނިޔެއަށް ރާއްޖެއަކީ ބޮޑު އަސްކަރީ ހަބެއްގެ ގޮތުގައި ވިއްކަން އުޅޭ އުޅުން ކުށްވެރި ކުރާ ކަމަށް މީކާއީލް ވިދާޅުވި އެވެ. އަދި މިކަމަކީ ބޮޑު ބިރުވެރިކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައިވެ އެވެ.

މީކާއީލްގެ ވާހަކަފުޅުގައި މިއީ ހަރަދު ބޮޑު އަދި އިސްރާފު ބޮޑު ބަޖެޓެއްގެ ގޮތުގައި ބަޖެޓު ސިފަ ކުރައްވާފައިވެ އެވެ.

އިއްޔެ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަމުން ކޮރަޕްޝަން ހިންގާކަމަށް އެންމެ އާންމުކަމަށް ބެލެވެނީ ދަށް ފަންތީގެ މުވައްޒަފުންކަން ދޭހަވާ ފަދަގޮތަށް ދެއްކެވި ވާހަކަފުޅު ކުށްވެރިކުރައްވައި މި ބަޖެޓަކީ ކަޓު ހޯދުމަށް ހުށަހަޅާފައި އޮތް ބަޖެޓެއް ކަމަށް މީކާއީލް ވިދާޅުވި އެވެ. މި ބަޖެޓަކީ ރާއްޖޭގެ ވަލިއްޔުލްއަމްރު ކޮރަޕްޝަން ހިންގުމަށް އުފައްދާފައި އޮތް ބަޖެޓެއް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved