އީރާނުގެ އެކި ސަރަހައްދުތަކުގައި ހުރި ބައެއް އާންމު ގެތަކުން އެމެރިކާގައި އުފައްދާފައިވާ ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ފެނިފައިވާ ކަމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހާމަކޮށްފިއެވެ.
އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގައުމުގެ ސަލާމަތީ ބާރުތަކުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ ފިސްތޯލައާއި، އޮޓޮމެޓިކް ބަޑީގެ އިތުރުން ގޮވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. މި ތަކެތި ފެނިފައިވަނީ އީރާނުގެ އެތެރޭގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ގުރޫޕުތަކާ ގުޅުންހުރި ތަންތަނުން ކަމަށްވެސް އެގައުމުން ބުނެއެވެ.
މި ހަތިޔާރުތަކަކީ އެމެރިކާގައި އުފައްދާފައިވާ ތަކެތިކަން ކަށަވަރުވެފައިވާ ކަމަށާއި، މިއީ ބޭރުގެ ނުފޫޒުން އީރާނުގެ ސަލާމަތަށް ނުރައްކާ ކުރުމަށް ރޭވިފައިވާ މަސައްކަތެއްގެ ބައެއް ކަމަށް އީރާނުގެ އޮފިޝަލުން ތުހުމަތު ކުރެއެވެ. މި އޮޕަރޭޝަންގައި ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، އެމީހުންނަކީ ބޭރުގެ ޖާސޫސީ އިދާރާތަކާ ގުޅުން އޮންނަ ބައެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އީރާނުން މިފަދަ ހަތިޔާރުތަކެއް އަތުލައިގަނެފައި މިވަނީ، އެގައުމާއި އެމެރިކާއާ ދެމެދު އޮންނަ ސިޔާސީ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ ގައުމުގެ މިނިވަންކަމާއި ސަލާމަތަށް ނުރައްކާވާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.