theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ / ރައީސް އޮފިސް
ހަބަރު
ރައީސް ޔާމީންގެ އެސްކްރޯ އެކައުންޓުގައި ހުރި ފައިސާއާ ގުޅޭ މައްސަލައިގެ އިސްތިއުނާފު އަޑު އެހުމެއް މާދަމާ ބާއްވަނީ!
Mariyam Isaadha
މަރިޔަމް އިސާދާ
17 ޖެނުއަރީ 2026
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެސްކްރޯ އެކައުންޓާ ގުޅޭގޮތުން ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް، އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

މާދަމާއަށް ތާވަލްކޮށްފައިވާ މިއަޑު އެހުން ހެނދުނު 11:15 އަށް ހައިކޯޓުގައި ތާވަލްކޮށްފައިވާއިރު، މި މައްސަލަ ކުރިއަށް ގެންދަން ނިންމާފައިމިވަނީ ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަށް ފަހުއެވެ. ހައިކޯޓުގައި މީގެ ކުރިން މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމާ ގުޅިގެން މައްސަލަ މެދު ކަނޑާލިއުރ މައްސަލަ އޮތީ ހުކުމާ ހަމައަށް ވާސިލްވެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މި މައްސަލައިގެ އަޑުއެހުމެއް ބޭއްވި ދުވަހު ފަނޑިޔާރު ޝަހީދު ވިދާޅުވެފައިވަނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

މި މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައީސް ޔާމީނާ ދެމެދު ވެފައިވާ އެސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް، އެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު ދޫނުކޮށް ހިފެހެއްޓި މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅި ދައުވާއަކުން އުފަންވި މައްސަލައެކެވެ.

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ފަށާއިރު ފަނޑިޔާރުންގެ ބެންޗަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން މިހާރު މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ ދާދި ފަހުން އެ ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއެވެ. ބެންޗުގެ ދެން ތިއްބަވާނީ ކުރިންވެސް މި މައްސަލަ ބެއްލެވި ފަނޑިޔާރު ފާތިމަތު ފަރްހީޒާ އާއި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.

މައްސަލައިގެ އަސްލަކީ ރައީސް ޔާމީންގެ ފަރާތްޕުޅުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އޭސީސީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެއީ އެމަނިކުފާނުގެ އެސްކްރޯ އެކައުންޓުގައި ހުރި ފައިސާ އަނބުރާ ހޯދުމަށާއި، އެ ފައިސާ ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައިގައި ބީއެމްއެލް އިން ކޯޓުގައި ބުނެފައިވަނީ އެސްކްރޯ އެއްބަސްވުމަކީ ރައީސް ޔާމީނާއި އޭސީސީއާ ދެމެދު ވީ އެއްބަސްވުމެއް ކަމަށާއި، އެ ބޭންކަކީ އޭގެ ބައިވެރިއެއް ނޫން ކަމަށެވެ. އެހެންކަމުން ބޭންކުގެ މައްޗަށް އެ މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ބީއެމްއެލް އިން ވަކާލާތު ކުރެއެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ ބޭންކާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށެވެ.

އެހެންކަމުން ބީއެމްއެލުން ނިންމީ މައްސަލަ އިސްތިއުނާފުކުރުމަށެވެ. އެގޮތުން ހައިކޯޓުގައި މިހާރު އޮތް މައްސަލައަކީ ސިވިލް ކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ބީއެމްއެލުން ހުށަހެޅި އިސްތިއުނާފީ މައްސަލައެވެ.

މި އިސްތިއުނާފީ މައްސަލައިގައި ގޮތެއް ނިމެންދެން، ސިވިލް ކޯޓުގައި ހިނގަމުންދާ އަސްލު މައްސަލަ މަޑުޖައްސާލުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?