ރައީސް ޑރ މުހައްމަދު މުއިއްޒު ކުރިންވެސް ހެދީ ދޮގު ކަމަށާ މިހާރުވެސް އެމަނިކުފާނު ޑެސްޕަރޭޓުވުމުން އެހީ ހޯދަނީ ދޮގުން ކަމަށް ކުރީގެ ނައިބު ރައީސް، އަދި ޕީއެންއެފްގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަލް ޙުޖުރާތުގެ ހަވަނަ އާޔަތް ނަކަލް ކުރައްްވާ އާޔަތުގެ މާނަ ހިއްސާކުރައްވާފައެވެ.
"އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسق އަކު خبر އަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ" ޑރ ޖަމީލު ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން ހުސްގޮނޑި ދައްކައިގެން ޙީލަތް ހެދި މީހުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މަކަރާ ހީލަތް ހެދުމުގެ އައު ސިލްސިލާއެއް ފަށާނެ ކަމަށާ އެގޮތުން ރައީސް މުއިއްޒުގެ ބޮޓުންތަކާ މަސައްކަތެއް ނުކޮށް، ޓެކްސް ޕޭޔަރުންގެ ފައިސާ ޙަލާލު ނޫން ގޮތަށް ހޯދަމުންދާ ޗީޕު އަގެއް ނެތް މީސްމީހުންގެ ދޮގު ޚަބަރުތައް ގިނަވާނެ ކަމަށް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސް މުއިއްޒާ ޕީއެންސީއަށް ރައްޔިތުންގެ ތާއީދެއް ނެތްކަން ޔަގީންކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ ރައީސް މުއިއްޒަކީ އެއްކަމެއް ކޮށްނުދެވުނު، ހުސް އަނގަތަޅާ މީހެއްކަ ކަމަށެވެ.
ޕޯސްޓު ނިންމާލައްވަމުން ޑރ ޖަމީލު ވިދާޅުވެފައިވަނީ ރައީސް މުއިއްޒު ކުރިންވެސް ދޮގު ހެދީ ދޮގު ކަމަށާ މިހާރު ޑެސްޕަރޭޓްވުމުން އެހީ ހޯދަނީ ދޮގުން ކަމަށެވެ. ނަމަވެސް الله ތަޢާލާގެ ތަދްބީރުކުރުން ރައީސް މުއިއްޒު ފަދަ މަކަރުވެރިންގެ ރޭވުންތަކަށްވުރެ މާމޮޅުވާނެ ކަން ޑރ ޖަމީލު ވަނީ ފާހަގަކުރައްވާފައެވެ.