އިސްލާމީ އުއްމަތަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ސަލާމަތްވުމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި އިސްލާމީ ގައުމުތަކުގެ މެދުގައި ވަރުގަދަ އަސްކަރީ އިއްތިހާދެއް ނުވަތަ "އިސްލާމީ ނޭޓޯ" އެއް އުފެއްދުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގޮވާލައްވައިފިއެވެ. މިކަމަށް އުރުދުޣާން ގޮވާލެއްވީ އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެއްވި ބަޔާނެއްގައެވެ.
ރައީސް އުރުދުޣާން ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، އިސްލާމީ ގައުމުތަކުގެ ސިޔާދަތަށް އަރައިގަންނަމުންދާ ދިއުން ހުއްޓުވޭނީ މުސްލިމް ގައުމުތައް ގުޅިގެން ވަރުގަދަ އަސްކަރީ ބާރެއްގެ ގޮތުގައި ތެދުވެގެން ކަމަށެވެ. އަދި މިފަދަ އިއްތިހާދެއްގެ ބޭނުމަކީ އިސްލާމީ ދުނިޔެއަށް ކުރިމަތިވާ ބޭރުގެ އުދުވާންތަކުން ދިފާއުވުމާއި، މުސްލިމުންގެ މުގައްދަސް ބިންތައް ހިމާޔަތްކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އިއްތިހާދު އުފެއްދުމަށްޓަކައި އިސްލާމީ އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ތުރުކީން ތައްޔާރަށް އޮތްކަން ހާމަކުރައްވަމުން، އުރުދުޣާން ވަނީ ސައުދީ އަރަބިއްޔާ އާއި މިސްރު އަދި ޕާކިސްތާން ފަދަ ނުފޫޒުގަދަ ގައުމުތަކުން މިކަމުގައި އިސްނެގުމަށް ބާރުއަޅުއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަ ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، އުއްމަތުގެ މަސްލަހަތަށްޓަކައި އެކަތިގަނޑަކަށް ވާންޖެހޭ ވަގުތު މިހާރު ވަނީ ޖެހިފައެވެ.
އިސްލާމީ ނޭޓޯއެއްގެ ވާހަކަ އުރުދުޣާން ދެއްކެވިއިރު، މިއީ މީގެ ކުރިންވެސް ބައެއް އިސްލާމީ ގައުމުތަކުން މަޝްވަރާކޮށްފައިވާ މައުޟޫއެކެވެ. ނަމަވެސް ފަހަކަށް އައިސް މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އިޒްރޭލުގެ އުދުވާންތައް އިތުރުވަމުން ދިއުމާ ގުޅިގެން މިފަދަ އިއްތިހާދެއްގެ މުހިންމުކަން ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ތުރުކީގެ މި ގޮވާލުމަށް ބައެއް އިސްލާމީ ގައުމުތަކުން ތާއީދުކުރަމުންދާއިރު، މިއީ މުޅި އިސްލާމީ އުއްމަތުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. މިފަދަ އިއްތިހާދެއް އުފެދިއްޖެނަމަ، ބައިނަލްއަގުވާމީ މަސްރަހުގައި އިސްލާމީ ގައުމުތަކުގެ ބަސްވިކޭ މިންވަރު އިތުރުވެ، މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.