ތުރުކީގެ އިސްތަންބޫލްގައި އިއްޔެ ބޭއްވި ބައްދަލުވުމުގެ ކުރިން ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހުބާޒް ޝަރީފްއާ ސަލާމް ކުރައްވަނީ. / ރޮއިޓަރސް
ދުނިޔެ
އިންޑިއާ ސައިޒު ކުރުމަށްފަހު ޕާކިސްތާން ބޮޑުވަޒީރު ތުރުކީ އަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 މޭ 2025
މާލެ ސިޓީ

މިފަހުން އަމިއްލައަށް އިސްވެ އިންޑިއާއިން ޕާކިސްތާނަށް އަސްކަރީ ހަމަލާ ދީ ފެށި ހަނގުރާމައިން ހޯދި ކާމިޔާބީއަށް ފަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ތުރުކީވިލާތައް ވަޑައިގެން އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން އާއި ބައްދަލު ކުރައްވައިފި އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިހާރު އުފެދިފައި އޮތް ނުތަވަސްކަމުގެ ތެރޭގައި މިފަހުން ހިނގި އަސްކަރީ ކުރިމަތިލުމުގައި މޮޅުވީ ޕާކިސްތާން ކަމަށް ތުރުކީގެ މަސްދަރުތަކުން ބުނާތީ އިންޑިއާ މިފަހުން ވަނީ ނުރުހިފަ އެވެ.

ފާއިތުވި ހަފުތާތަކުގައި އުރުދުގާން ވަނީ ޕާކިސްތާނުގެ ކަޝްމީރު ފަޅި ހިމެނޭ ގޮތަށް، ޕާކިސްތާނުގެ ނުވަ ތަނަކަށް އިންޑިއާއިން ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން ޕާކިސްތާނަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފަ އެވެ.

އުރުދުގާންގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ހާއްސަކޮށް ދިފާއީ، ހަކަތަ އަދި ދަތުރުފަތުރުގެ ދާއިރާ އިން ޕާކިސްތާނާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ޕާކިސްތާނުގެ ދިފާއުގައި ތުރުކީން ވާހަކަ ދައްކާތީ އިންޑިއާގައި ތުރުކީ ބޮއިކޮޓްކުރުމުގެ ކެމްޕޭން ހަރަކާތްތަކެއް ފުޅާވަމުން ވެސް އެބަ ދެއެވެ، އެގޮތުން އިންޑިއާ މީހުން ތުރުކީ އަށް ޗުއްޓީ އަށް ނުދާން ވެސް އަންނަނީ ގޮވަމުން ނެވެ.

އަދި ތުރުކީގެ ބައެއް ވިޔަފާރިތައް އިންޑިއާ އިން ބޭރުކުމުގެ މަސައްކަތް ފަށާ، އިންޑިއާގެ ބައެެއް ޔުނިވާސިޓީތަކުން ވަނީ ތުރުކީއާއެކު ހަދާފައިވާ އެެއްބަސްވުންތަކެއް ވެސް އުވާލައިފަ އެވެ.

އޭގެ ތެރޭގައި އިންޑިއާގެ ޖަވާހަރްލާލޫ ނެހްރޫ ޔުނިވަސިޓި އާއި ޖާމިއާ މިލިއާ ޔުނަވަސިޓީ އާއި މައުލާނާ އާޒާދު ނެޝަނަލް އުރީދޫ ޔުނިވަސީ ފަދަ ތަންތަނުން ވަނީ ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުންތައް އުވާލައިފަ އެވެ.

އިންޑިއާގެ ހަމަލާތަކާ އެކު ޕާކިސްތާނުން އާޓިލަރީ ހަމަލާތައް ފަށައި، ހަތަރު ދުވަސް ވަންދެން ދެ ގައުމުން ބޯޑަރު ހުރަސްކޮށް ބަޑީގެ ހަމަލާތަކާއި ޑްރޯން އަދި ފައިޓަ ޖެޓުން ހަމަލާދީފައިވެ އެވެ. އިންޑިއާގެ ފަސް ޖެޓް ވައްޓާލުމަށްފަހު، ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ހުވާޖާ މުހައްމަދު ވިދާޅުވީ އިންޑިއާ އިން ހަމަލާތައް ދެމުންދާ ނަމަ، ޕާކިސްތާން ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްދު ހަމަލާތައް ދިނުމުގެ ސާބިތުވެ ތިބޭނެ ކަމަށެވެ.

ޕާކިސްތާނުން ރައްދުގައި އިންޑިއާއަށް ހަމަލާދިނީ ވަރަށް ދުވެލި ބާރު މިސައިލްތަކަކުން ކަމަށް ބުނެ އިންޑިއާއިން މިފަހުން ވަނީ ޝަކުވާކޮށްފަ އެވެ.އަދި ޕާކިސްތާނުގެ ނިއުކްލިއާ ހަތިޔާރު އދ.ގެ ނިއުކްލިއާ އެޖެންސީގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކަމަށް ވެސް އިންޑިއާއިން ވަނީ ބުނެފަ އެވެ.



ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved