March 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ލުބްނާނުގެ ސުލްހަ ބަލަހައްޓާ ފްރާންސްގެ ފައުޖަށް ސަހްޔޫނީން ހަމަލާދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 21, 2026, 03:35 AM
މާލެ ސިޓީ

ލުބްނާނުގެ ދެކުނުގައި ސުލްހަ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާ އދ.ގެ ވަގުތީ ފައުޖު (ޔުނިފިލް) ގައި ހިމެނޭ ފްރާންސްގެ ސިފައިންނަށް އަމާޒުކޮށް ސަހްޔޫނީ އިސްރާއީލުގެ ފައުޖުތަކުން ނުރައްކާތެރި ހަމަލާތަކެއް ދީފިއެވެ.

Advertisement

މި ހަމަލާ ދީފައިވަނީ ލުބްނާނުގެ ދެކުނު ބޯޑަރު ސަރަޙައްދުގައި ސަހްޔޫނީން ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކުގެ ތެރެއިންނެވެ. މި ހަމަލާތަކާ ގުޅިގެން ފްރާންސް ސަރުކާރުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، ސަހްޔޫނީންގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ޔުނިފިލްގެ މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، ސަހްޔޫނީ އިސްރާއީލުގެ އަސްކަރިއްޔާއިން ދިން މި ހަމަލާ އަމާޒުވެފައިވަނީ ފްރާންސްގެ ސިފައިން ހަރަކާތްތެރިވަމުންދިޔަ އުޅަނދުތަކަކަށެވެ. މި ހަމަލާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ސުލްހަ ބަލަހައްޓާ ފައުޖުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް މީގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ފްރާންސްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ކަނޑައެޅިގެން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ސަހްޔޫނީ އިސްރާއީލަށް ވަނީ ގޮވާލާފައެވެ.

މި ހާދިސާއާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އދ. އިން ބުނެފައިވަނީ ސުލްހަ ބަލަހައްޓާ ފައުޖުތަކަކީ ހަމަނުޖެހުންތަކުގެ ތެރޭގައި ހިމެނޭ ބައެއް ނޫން ކަމަށާއި، އެމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަނގުރާމައިގެ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ.

ސަހްޔޫނީ އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ، ގާޒާގައި ހިންގަމުންދާ ގަތުލުއާންމުގެ އިތުރުން މުޅި ސަރަޙައްދަށް ހަނގުރާމަ ފުޅާކުރުމުގެ މަގުސަދުގައެވެ. މި އުދުވާނުގައި މިހާތަނަށް ލުބްނާނުގެ ގިނަ އަދަދެއްގެ އާންމުން ޝަހީދުވެ، އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved