March 9, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިންޑިއާ މިއީ ވެނެޒުއޭލާއެއް ނޫން، މޯދީއަށް ކަމެއްކޮށްފިނަމަ ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރާނެ ކަމުގެ އިންޒާރު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 22, 2026, 06:20 AM
މާލެ ސިޓީ

ނަރެންދުރަ މޯދީއަށް އެއްވެސް ނުރައްކަލެއް ކުރިމަތިކުރުވަން އުޅެފިނަމަ، ނިއުކްލިއަރ ހަތިޔާރުގެ ބޭނުން ކުރަން ފަސްނުޖެހޭނެ ކަމަށް އިންޑިއާ ސިފައިންގެ ކުރީގެ މޭޖަރ ޖެނެރަލް ޖީ.ޑީ ބަކްޝީ އިންޒާރު ދެއްވައިފިއެވެ.

Advertisement

ބަކްޝީ މިހެން ވިދާޅުވީ އިންޑިއާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ބާރުތަކުން ވަންނަމުންދާ ކަމަށް ބުނެ، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ދެއްކެވި ވާހަކަފުޅެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޑިއާއަކީ ދުނިޔޭގެ ބައެއް އެހެން ގައުމުތަކާ ޚިލާފަށް، އަމިއްލަ ދިފާއުގައި ވަރުގަދަ އަސްކަރީ ފިޔަވަޅުތައް އެޅުމުގެ ޤާބިލުކަން ލިބިފައިވާ ގައުމެކެވެ.

މޭޖަރ ޖެނެރަލް ބަކްޝީ އިތުރަށް ވިދާޅުވީ، ބޭރުގެ ބައެއް ބާރުތަކުން އިންޑިއާގެ ޑިމޮކްރަސީއަށް ނުފޫޒު ފޯރުވައި، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބޮޑުވަޒީރު މޯދީގެ ލީޑަރޝިޕަށް ގޮންޖަހައި، އެމަނިކުފާނަށް އަމާޒުކޮށް އެއްވެސް ނުރައްކާތެރި އަމަލެއް ހިންގައިފިނަމަ، އޭގެ ރައްދުގައި އިންޑިއާއިން ދޭނެ ހަމަލާއަކީ މުޅި ދުނިޔެ ސިއްސުވާލާނެ ފަދަ ވަރުގަދަ ހަމަލާއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެނެޒުއޭލާގައި ހިނގައިދިޔަ ސިޔާސީ ހަލަބޮލިކަމާއި، ބޭރުގެ ނުފޫޒުތަކާ އިންޑިއާއާ އަޅާކިޔުއްވަމުން ބަކްޝީ ވިދާޅުވީ، އިންޑިއާއަކީ ނިއުކްލިއަރ ބާރެއް ކަމަށާއި، ގައުމުގެ އިސްތިގުލާލާއި ވެރިންގެ ރައްކާތެރިކަމަށްޓަކައި އެންމެ ފަހުގެ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.

މި ވާހަކަފުޅުތަކާ ގުޅިގެން ސޯޝަލް މީޑިއާގައާއި ބައިނަލްއަގުވާމީ މަސްރަހުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ. ބައެއް ފަރާތްތަކުން ބަކްޝީގެ މި އިންޒާރަކީ ގައުމީ ސަލާމަތަށްޓަކައި ދެއްވި މުހިންމު މެސެޖެއް ކަމަށް ބުނަމުންދާއިރު، އަނެއް ބަޔަކު ދެކޭގޮތުގައި މިއީ ސަރަހައްދީ މަސްރަހު އިތުރަށް ނުތަނަވަސްވެގެން ހިނގައިދާނެ ފަދަ ވާހަކަފުޅެކެވެ.

ޖީ.ޑީ ބަކްޝީއަކީ އާންމުކޮށްވެސް އިންޑިއާގެ ގައުމީ މަސްލަހަތާއި އަސްކަރީ ބާރުވެރިކަމާ ގުޅޭގޮތުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވަރުގަދަ ބަހުރުވައިން ވާހަކަދައްކަވާ ބޭފުޅެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved