theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ޓައިމްސް އޮފް އިންޑިއާ
ދުނިޔެ
ބަންގްލަދޭޝްގައި ހިންދޫ ޒުވާނެއްގެ ގައިގައި ހުޅުޖަހައި މަރާލައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
25 ޖެނުއަރީ 2026
މާލެ ސިޓީ

ބަންގްލަދޭޝްގައި ކުރިއަށްދާ އާންމު އިންތިޚާބާ ދިމާކޮށް، އެގައުމުގައި ދިރިއުޅޭ ހިންދޫ މައިނޯރިޓީއާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ނިދާފައި އޮތް ހިންދޫ ޒުވާނެއްގެ ގަޔަށް ތެޔޮ އަޅައި ރޯކޮށްލައިގެން ވަރަށް އިހާނެތިކޮށް މަރާލައިފިއެވެ.

ވެރިރަށް ޑާކާއާ ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ނަރްސިންގްދީ ސިޓީގައި ހިނގި މި ހިތާމަވެރި ހާދިސާގައި މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ޗަންޗަލް ޗަންދުރަ ބޯމިކް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާއަކީ އެ ސިޓީގެ ޕޮލިސް ލައިންސް ސަރަހައްދުގައި ހުންނަ ގަރާޖެއްގައި މަސައްކަތްކުރާ މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ މަސައްކަތް ނިންމުމަށްފަހު ޗަންޗަލް ގަރާޖު ތެރޭގައި ނިދާފައި އޮއްވައެވެ. ބަޔަކު ގަސްތުގައި އެ ގަރާޖުގައި ހުޅުޖެހިއިރު، އެތަނުގައި ހުރި ޕެޓްރޯލާއި އިންޖީނު ތެޔޮ ފަދަ ތަކެތީގެ ސަބަބުން އަލިފާންގަނޑު ވަނީ މުޅި ތަނަށް ހަލުވިކަމާއެކު ފެތުރިގެން ގޮސްފައެވެ. ސީސީޓީވީ ކެމެރާތަކުން ފެންނަ ގޮތުގައި ބަޔަކު ގަސްތުގައި އެތަނުގައި ރޯކޮށްލާ މަންޒަރު ފެނުނު ނަމަވެސް، އެއީ ކޮން ބައެއްކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ނުތަނަވަސްވެ، ދީނީ މައިނޯރިޓީތަކަށް އަމާޒުކޮށްދޭ ހަމަލާތައް އިތުރުވަމުންދާ ވަގުތެއްގައެވެ. މިދިޔަ ހަފުތާގައިވެސް ގަޒީޕޫރާއި ފެނީ ޑިސްޓްރިކްޓްގައި ހިންދޫންނަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ދީފައިވެއެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކުގައި، އެގައުމުގެ 13.13 މިލިއަން ހިންދޫންގެ ސަލާމަތާ މެދު އަވަށްޓެރި އިންޑިއާއިންވެސް ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ. ބަންގްލަދޭޝްގެ ފުލުހުން މިހާރު ދަނީ ޗަންޗަލްގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved