ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު އަމިއްލަ ހަރަދުގައި ދައުލަތުގެ ކާރުގައި ރަން ކުލަ ޖައްސައި ބަދަލު ގެނައި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ޖަޕާން ސަރުކާރުން ރާއްޖެއަށް އެހީގެ ގޮތުގައި ދީފައިވާ މަޒްޑާ ސެޑާން މޮޑެލްގެ ކާރަކީ 2023 ވަނަ އަހަރުގެ އެޕްރިލްމަހުގެ 18 ވަނަ ދުވަހު ރާއްޖެއަށް ދިން އެހީގެ ޕެކޭޖުގައި ހިމެނޭ ކާރެކެވެ. ރާއްޖޭގެ ބޯޑަރ ކޮންޓްރޯލްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އޭރު ކަސްޓަމްސްއާއި ހަވާލުކުރީ އެއްގަމު އުޅަނދުތަކާއި ބައެއް ސާމާނުތަކެވެ. މި އެހީގެ ޕެކޭޖުގެ އަދަދު 4.68 މިލިއަން ޑޮލަރަށް އަރައެވެ.
މި ތަކެއްޗާއި ހަވާލުވީ އޭރުގެ ޑިފެސް މިނިސްޓަރ މާރިޔާ ދީދީއާއި, އޭރުގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބުދުالله ޝަރީފްއެވެ.
އޭގެ ފަހުން ރައީސް މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ކޮމިޝަނަރ ޖެނެރަލް ކަމުގެ މަގާމާއި ހަވާލުވި ޔޫސުފް މާނިއުވަނީ ކާރުގެ އެކިއެކި ބައިތައް ބަދަލުކޮށް ”ބެޓްމޭން“ އޮޓޯމޯބައިލްގެ މޮޑެލްއަށް ކާރު ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ކާރުގެ ހެޑްލައިޓްގެ ކުލަ ބަދަލުކުރުމުގެ އިތުރުން ކާރުގެ ފުރޮޅުގެ ރިމްވެސް ގޯލްޑް ޕްލޭޓް ރިމްއަކަށް ބަދަލުކޮށް ކާރުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
މިކަމާ ގުޅިގެން މީސްމީޑިޔާގައި ގިނަ ބއެއްގެ ފާޑުކިޔުން އަމާޒުވާން ފެށުމުން މާނިއު ވަނީ އެކސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން ކަސްޓަމްސްގައި އަލަށް ގާއިމް ކުރާ "އެންފޯސްމަންޓް އެންޑް ބޯޑާ ޕްރޮޓެކްޝަން ޑިޕާޓްމަންޓް" ގައި ބޭނުންކުރާ ކާރުތައް ހުންނާނީ ރަން ކުލައިގެ ބައިތައް ހިމަނާފައި ކަމަށާ. އެއީ އެ ޑިޕާޓްމަންޓުގެ ލޯގޯއާ ގުޅުވަން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި އެކަމަށްޓަކައި ދައުލަތުގެ ފައިސާ ބޭނުންކޮށްފައެއް ނުވާނެކަމަށާ ހުރިހާ ކަމެއް ވެސް ކުރީ އަމިއްލަ ހަރަދުގައިކަމަށް މާނިއު ވިދާޅުވެފައިވެއެވެ.
ޖަޕާން ސަރުކާރުން ހިލޭ އެހީގެ ގޮތުން ދިން ކާރަށް ކަސްޓަމްސްއިން ބޮޑު ބަދަލެއް ގެނައުމާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކޮށް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއިން ފޮރިން މިނިސްޓްރީއަށް ނޯޓެއް ފޮނުވާ އަދި ކަސްޓަމަށް އެކަން ފޮރިން މިނިސްޓްރީން މިހާރު އަންގާފައިވާކަމަށްވެސް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.