

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މިހާތަނަށް ފުލުހުން ހާމަކޮށްފައިނުވެއެވެ.
ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެ އަށް ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކް ވަގަށް އެތެރެކުރިކަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފަޅާ އަރައި، އެ މަހުން ފެށިގެން އެ ދެ ކޮންޓެއިނަރު ހުރީ އެމްޕީއެލް ހުޅުމާލޭގެ ބަނދަރުގައި ބަހައްޓައިފަ އެވެ. އެއީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ އެވެ.
އެ ސިނގިރޭޓް ދެ ކޮންޓެއިނާގައި ހުރި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ނެތް ކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
މި މައްސަލައިގެ އިންޓާނަލް ތަހުގީގު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުންވެސް ކުރަމުންދާ ކަމަށް ހާމަކޮށްފައިވެއެވެ.
ކަސްޓަމްސްއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ އިދާރާ އިން ސިގަރެޓް ހިފެހެއްޓުމަށް ފަހު އެ ދެ ކޮންޓެއިނަރު ހުޅުމާލޭ ބަނދަރުގައި ބެހެއްޓީ އެ ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ ހަވާލުގައި ކަމަށެވެ. އެ ކުންފުންޏާ ހަވާލުކުރީ އޮންނަ އުސޫލުގެ ތެރެއިން، ލިޔެކިޔުންތައް ފުރިހަމަކޮށްފައި ކަމަށާއި އެ ސިނގިރޭޓްތައް ނައްތާ ނުލައި ހުރީ ތަހުގީގު ނުނިމޭތީ ކަމަށެވެ.
ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައިވާ މި ސިގަރެޓްތައް ގެއްލުނު މައްސަލައިގައި ކަސްޓަމްސް، ޕޯޓްސް އަދި ފުލުހުންގެ ވެރިންނަށް ބޮޑެތި ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.
މިގޮތުން، އެ ތަކެތި އަމިއްލައަށް ނުގެއްލޭނެ ކަމަށާއި މިއީ ރޭވިގެން ކޮށްފައިވާ ކަމެއްގެ ގޮތުގައި އާންމުން އަންނަނީ ސިފަކުރަމުންނެވެ.