
ގައުމާއި މިނިވަންކަމުގައި ނަފުސު ގުރުބާންކޮށްލީ، ފަހުން އަންނަ ވެރިޔަކު ނުވަތަ ޖެނެރަލަކު ވިޔަސް އެޝަހީދުންގެ ނަމުގައި ސިޔާސީ މަންފާ ނަގަން ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޑރ ޖަމީލު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ޖަމީލު ވަނީ، اللَّهގެ މަގުގައި ހަނގުރާމަކޮށް شهيد ވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރުމަށާ އަދި، އެއީ އެބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި رزق ލިބޭ حال، ދިރިތިބި ބައެއްކަމަށް ބަޔާންކުރާ ކީރިތި ގުރުއާނުގެ މޫރިތި އާޔަތް ހިއްސާކުރައްވާފައެވެ. އެގޮތުން އާލް އިމްރާން ސޫރަތުގެ 169 ވަނަ އާޔަތް ހިއްސާކުރައްވާ ޑރ ޖަމީލު ވިދާޅުވީ، 3 ނޮވެމްބަރ 1988 ގައި ޝަހީދުވި އެންމެހާ ފުރާނަތަކަށް ރަޙްމަތް ލެއްވުން އެދި ދުއާ ދަންނަވާކަމަށެވެ.
އޭގެ ފަހުން އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ގައުމާއި މިނިވަންކަމުގައި ނަފުސު ގުރުބާންކޮށްލީ، ފަހުން އަންނަ ވެރިޔަކު ނުވަތަ ޖެނެރަލަކު ވިޔަސް އެޝަހީދުންގެ ނަމުގައި ސިޔާސީ މަންފާ ނަގާކަށް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އަމުދުން އިންޑިޔާ އައުޓް ގޮވަމުން ވެރިކަން ލިބުމުން މުޅި އެއަޙްދު ނަގާލި ރައީސް މުހައްމަދު މުއިއްޒު މިހާރު ނޮވެމްބަރު ތިނެއްގައި ގައުމު ސަލާމަތްކުރުމުގައި ހިއްސާވާ ޖެނެރަލަކު މޭޔަރުކަމަށް ނެގެން އެ ހިންގަވާ އަމަލު ވެގެންދާނީ 3 ނޮވެމްބަރުގެ ޝަހީދުން ގައުމުގެ އިސްތިގްލާލަށްޓަކައި ވިގުރުބާނީއަށް އިހާނާތްތެރި ވުމުގެ ގޮތުގައިވެސް ޑރ ޖަމީލު ވަނީ ސިފަކުރައްވާފައެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ބެލެވޭ ގޮތުގައި ނޮވެމްބަރު 3 1988ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ގައުމު ސަލާމަތްކޮށްދިން ބަތަލެއްކަމަށްވާ ރިޓަޔާޑް ޖެނެރަލް މޫސާ އަލީ ޖަލީލު މާލޭގެ މޭޔަރު ކަމަށް ޕީއެންސީ ޓިކެޓުގައި ނެރެ އެދުވަހު އެމަނިކުފާނުގެ ގުރުބާނީގެ ނާޖާއިޒް ފައިދާ ނަގާ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ޕީއެންސީއިން ކުރަމުންދާ މަސައްކަތަށް ފަރސްޓު ލޭޑީވެސް ބާރުދެމުންދާތީ އެވެ.










