ޕެންޝަން ފަންޑެއް އުފެއްދީ ވަކި ހާއްސަ ބޭނުމަކަށް ކަމަށާއި އެ ފަންޑުގައި ހުރި ފައިސާ ނެގުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕެންޝަން ފަންޑަކީ ވަޒީފާ އަދާކުރާ މީހާގެ މުސާރައިގެ 14 ޕަސެންޓް ޖަމާކުރާ ފަންޑެއްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ވަޒީފާ އަދާކުރާ މީހާ ދޭ 7 ޕަަސެންޓާއި ވަޒީފާ ދޭ މީހާ ދޭ 7 ޕަސެންޓް ޕެންޝަން ފަންޑުގައި ރައްކާކުރަނީ ދޮށީ އުމުރުގައި ޕެންޝަނެއްގެ ގޮތުގައި ދިނުމަށް ކަމަށެވެ.
މިއީ އިޖުތިމާއީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށާއި ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ނެގުމަކީ ވަރަށް ބޮޑު ގޯހެއްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ ކޮންމެ މަހަކު ޕެންޝަނަށް ދޭ ފައިސާ ކަނޑާފައި ބާކީ ފައިސާ ފައިދާ ހުރި ކަމަކަށް އިންވެސްޓްކުރުން ރަނގަޅު ކަމަށެވެ. ސަރުކާރުގެ މުސާރަ ދިނުމަށް ނުވަތަ އެއްވެސް ރިކަރަންޓް ހަރަދަކަށް އެ ފައިސާ ހަރަދުކޮށްގެން ނުވާނެކަމަށް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރުމަށް އެދިވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ދަނީ ކަނު ބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް މަރުކަޒީ ބޭންކް، (އެމްއެމްއޭ) މެދުވެރިކޮށް ފައިސާ ހޯދުމަކީ އިގުތިސާދަށް ގެއްލުން ބޮޑު ނިންމުމެއް ކަމަށް ވިދާޅުވެ ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަހުމަދު އިނާޒު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އިނާޒުގެ އިތުރުން ޕެންޝަން އޮފީހުގެ އިސް ބައެއް ބޭފުޅުންވެސް ވަނީ މިފަހުން އިސްތިއުފާ ދެއްވާފަ އެވެ. އެ ގޮތުން ޕެންޝަން އޮފީހުގެ ސީއެފްއޯ ހައްވާ ފަޖުވާގެ އިތުރުން ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އާދަމް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.