ދިވެހިރާއްޖެ އޮތީ ޑިމޮކްރެސީގެ ޅަފަތުގައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރިަޔސް އެކަން އޮތީ އެހެން ނޫން ކަމަށް އަޅުގަޑު ގަބޫލުކުރަމެވެ. އެހެންކަމުން ގައުމުގައި ޑިމޮކްރެސީގެ އަސާސުތަކަށް ކަމޭ ހިތާ އިހުތިރާމު ކުރުމަކީ އޮންނަން ވާނެ ކަމެކެވެ. އެއީ ހަމައެކަނި ބޭނުން ކޮށްލާ ޒަމާނީ މޮޅު ބަހަކަށް ވެގެން ނުވާނެއެވެ.
ހަގީގީ މާނައިގައި ރާއްޖެ މިއޮތީ ޑިމޮކްރެސީއަށް ފައްކާވެފައިކަމުގައިވާއިރު މި ގައުމުގައި ޑިމޮކްރެސީތަކުގެ ހަމަ ގާއިމުކުރުމަކީ ވެރިކަމުގައި ހުންނަވާ ރައީސަކު ތަޚުތުގައި ރެނދަލި ކުރަމުންދާއިރު ދައްކަން ޖެހޭ ވަރަށް ރީތި ނަމޫނާއެކެވެ. އިދިކޮޅު ފަރާތްތަކަށްވެސް އިހުތިރާމުކޮށް އެ މީހުންގެވެސް ބައިވެރިވުމާ އެކު ގައުމު ހިންގުމަކީ އެއީ ޑިމޮކްރެސީތައް ދަންނަ ރީތި ގޮތެވެ. އޭގެ ބަދަލުގައި އިދިކޮޅު ލީޑަރު ޖަލަށްލާ އިދިކޅުގެ އަޑު ކަނޑާވަލަން ހުރިހާ ރައްޔިތުންނަށް ވަޒީފާދީ، މީޑީޔާތައް ގަނެ މަޖިލިސް އަނދަގޮނޑި ޖަހާ ޖުޑީޝަރީ ގޮށް ރޯނުން ބަނުމަކީ މިއީ ދުނިޔޭގެ ތަހުޒީބީ ޑިމޮކްރެސީތައް ނުދަންނަ އެ ޑިމޮކްރެސީތަކާ ބިރައްޓެހި ކަންކަމެވެ.
މިއަދު ރާއްޖެވެސް ޑިމޮކްރެސީގެ ތަހުޒީބީ ދުނިޔޭގައި ހިނގަމުން ގެންދާއިރު މިގައުމުގައި ކަންކަން ހުރީ މިއަދު މިދެންނެވި ފަދައިންނެވެ. މުޅި ގައުމު އަޮތީ ރައީސް މީހާގެ މުށު ތެރޭގައެވެ. ހިތަކަށް ގައުމު ހިބަކޮށް ރައީސުލްޖުމްހޫރިއްޔާ ދައްކަމުން ދަނީ ޚުދުމުހުތާރު ކަމެވެ. ނުލަފާކަން ދައްކާލާނަމޭ ބުނި ރައީސަށް ވުރެ ވަކި މިހާރު ހުރި ރައީސްގެ ލަފާކަން ވެސް ކުޑައެއް ނޫނެވެ. ސިޔާސީ އިދިކޮޅު މީހަކު ހުރިއްޔާ ބަނދެލަނީ ވަޒީފާގެ ރޯނުންނެވެ. ވެރިކަމަށް އައި ގޮތަށް އޭރު ތިބި އިދިކޮޅު މަޖިލިސް މެމްބަރުން ގަނެލީއެވެ. އޭގެ ފަހުން އައި މަޖިލިސް ގޮނޑިއާލާ ބަނދެލީއެވެ. ދުސްތޫރީ ަމއްސަލައެއް ވެއްދުން ސުޕްރީމު ކޯޓުގެ ބެންޗު އައިގަދަ ނުފޫޒުގެ ރޯޅިއަކާ އެކު ވިއްސައިގެން ގޮސް ކޯޓުތަކުގެ ގޮނޑިތައް ހިލެން ފެށީއެވެ.
އެވާހަކަތައް ތިލަކުރަން އޮތް މީޑިޔާތަކުން އެކަންކަން ހާމަކުރަން ފެށުމުން މީޑިޔާތައް ނިޒާމުން ގެއްލުވާނީ ކަޅާ ހުދުން ބިރު ދައްކާ ފާސްކުރި ގާނޫނަކުންނެވެ. މިއީ މިއަދު ހިތި، ނަމަވެސް ރާއްޖޭގެ ހަގީގަތެވެ. މިވަރުންވެސް ސަރުކާރުން މުސާރަދީފައި ސަރުކާރު ޕްރޮމޯޓުކުރަން ބައިތިއްބާފައި ތިބި "ބޮޓުން" ބުނަމުން ދަނީ މިވަރުގެ ރައީސަކު އަދި މިގައުމަށް ނާންނަ ކަމަށާ ބާރަށް އަތް ޖަހަން ޖެހޭ ކަމަށެވެ. ތެދެކެވެ. މިގައުމު އަދި ދުވަހަކުވެސް މިވަރުގެ ޚުދުމުހުތާރު ރައިސަކު ނުދެކެއެވެ. ނަން ވާނީ ހައިވަކަރު އޮޑިއޭ ބުނާފަދައިން ނަން ވަނީ އެމްޑީޕިއެވެ. ހަގީގަތަކީ އެމްޑިޕީއަށް ވުރެވެސް އަދުގެ ރައީސްގެ ކަންކަން މާ ގޯެހެވެ. މާ ވިޔާނުދުމެވެ.
ތިމަން މަނިކުފާނަކީ ޑިމޮކްރެސީގެ ހަމަތަކަށް އިހުތިރާމުކުރާނެ ރައީސަކަށް ވާނެ ކަމަށް ވިދާޅުވެ ދައްކަވަނީ މުނާފިގު ސިފަތަކަކެވެ. ބަހާ އަމަލާ ދިމާނުވެއެވެ. ވީ ވައުދުތަކާ ޚިލާފެވެ. ރައްޔިތުން ހަވާލުކުރި އަމާނާތަށްވަމުން ދަނީ ޚިޔާނާތެވެ.
މުޅި ގައުމު މުށު ތެރެއަށް ލައިގެން ހުންނަވާވެސް ރައްޔިތަކަށް ގެނެސްދިން ތަރައްގިއެއް ކުރިއެރުމެއް ނެތެވެ. އަޅަނީ ހުސް ދަތުރެވެ. އެޔަކުން ވާކަމެއް ހަރާމުން ހަރާމެވެ. ގައުމު އިނދަ ޖެހި ހަފުސްވެއްޖެވެ. މިވާހަކަ ދައްކާ ބަޔަކު ވަނީ ސަރުކާރުގެ ދުޝްމަނުންނަށެވެ. ނޫނީ ދޮގު ހަދާ ބަޔަކަށެވެ. ޑިމޮކްރެސީގެ އަސާސްއަކީ އިދކޮޅަށްވެސް ފުރުސަތުދީ ސަރުކާރު ޖަވާބުދާރީ ކުރުވުން ނަމަވެސް ސަރުކާރާ، ކޯޓުތަކާ، މަޖިލިހާ، މީޑިއާ ވެސް އަމިއްލަ މުށުތެރެއަށް ލައިގެން ހުންނަވާ ދައްކަވަނީ ނޯތު ކޮރެއާގެ ރައީސް ދައްކަވަމުން ދާ ފަދަ ޚުދުމުހުތާރު މަންޒަރުތަކެވެ. އެއީ ނަމުން ދިމިގްރާތީ ކަމުން ޚުދުމުހުތާރުކަމެވެ. ނުވަތަ ނަމުން ޑިމޮކްރެސީ ކަމުން ޑިކްޓޭޓަރޝިޕެވެ.، ދެން ވެސް ކިޔަންވީ ޑިމޮކްރެސިއޭ ހެއްޔެވެ؟