March 24, 2026
Advertisement
-
- / އަދަދު

ޕެންޝަން އޮފީހުގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 4, 2026, 05:13 PM
މާލެ ސިޓީ

މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ (ސީއީއޯ) ސުޖާތާ ހަލީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

Advertisement

ސުޖާތާ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށް ފަހު، އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.

މި ނިންމުމަކީ ރާއްޖޭގެ މާލީ ބާޒާރުގައި ހިމެނޭ ބޮޑު އަދަދަކަށް ވާތީ، މިއީ ފާހަގަކޮށްލެވޭ މުހިންމު ނިންމުމެކެވެ. ބޯޑުގެ މި ނިންމުމާ އެކު، އެމްއެމްއޭއަށް ވިއްކާލި ބޮންޑުން ލިބޭ ފައިސާ ސީދާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސުޖާތާ ހަލީމް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިހާ މުހިންމު ނިންމުމެއް ނިންމިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޮފީހުގެ އެންމެ އިސްވެރިޔާ އިސްތިއުފާ ދެއްވުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ.

ސުޖާތާ ހަލީމަކީ ޕެންޝަން އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އަދި އެ އޮފީހުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ސީއީއޯގެ މަގާމަށް އައްޔަންކުރެވުނީ އެ އޮފީހުގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަނިކޮށެވެ.

ޕެންޝަން އޮފީހުން މިހާތަނަށް މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved